ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ، ރާއްޖޭގެ އިސްތިގުލާލު ޗައިނާއަށް ވިއްކާލާފައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އާންމުކުރެއްވި ހުޅުވާލެވިފައިވާ ސިޓީފުޅެއްގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވެ، ބޭރުގެ ކޮލަމިސްޓެއް ކަމަށްވާ ސީމާ ސެންގުޕުޓާ ލިޔުނު ލިޔުމަކަށް ރައްދުދެއްވައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ޗައިނާގެ ދައުލަތުގެ ކުންފުނިތަކަށް ރާއްޖޭގެ 12 ރަށެއް ކުއްޔަށް ދީފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ދަރަނިވެސް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެކަންކަމާ ހުރެ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކޮށް އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިސްލާހީ ބޮޑެތި ނިންމުންތަކެއް ނިންމައި، ރާއްޖޭގެ އެތެރޭގެ މަސްލަހަތަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ޖަލަށް ލެވިފައި ތިބި ސިޔާސީ ކުށްވެރީން މިނިވަން ކުރެވި، ޝަރުއީ ދާއިރާ ރީފޯމް ކުރެވި، ކޮމަންވެންތާ އަލުން ގުޅުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ކޮލަމިސްޓް ސީމާއަށް ރާއްޖެއަށް ޒިޔާރަތްކޮށް ކަންކަން ވަމުން އަންނަ ގޮތް ގާތުން ބެލުމަށް ދައުވަތު ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު