މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ، ގައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކޮށްފައިވާނެ ކަމަށެވެ.
މި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިއަހަރު ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުން ރައީސަށް ލަފާ އަރުވާފައިވަނީ، އިނާމަށް މިއަހަރު އިއުލާނު ކުރެއްވުމަށެވެ. އަދި ކޮވިޑުގެ ހާލަތު އެވަގުތަކު އޮތް ގޮތެއްގެ މައްޗަށް ބެލުމަށްފަހު މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ހާލަތު ބަދަލުވެއްޖެނަމަ، ގައުމީ ދުވަހުގެ ޖަލްސާ އާއި ޖުމްހޫރީ ދުވަހުގެ ޖަލްސާ ބޭއްވެވުމަށާއި ޖަލްސާ ބޭއްވޭނެގޮތް ނުވެއްޖެނަމަ އެވަގުތުގެ ހާލަތަށް ބެލުމަށްފަހު އިނާމު ދެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ރައީސަށް ލަފާއަރުވައިފައެވެ.
ރައީސް އޮފީހުން ބުނީ މިއަހަރުވެސް ގައުމީ އިނާމު ދެއްވާނީ މައިގަނޑު 33 ދާއިރާއަކުން ކަމަށެވެ. އެ ދާއިރާތަކާއި ދާއިރާތަކުގެ ރޮނގުތަކާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ހިޔާލު މިއަހަރުވެސް ހޯދާފައިވާ ކަމަށެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވައިފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ އެންމެ ފަހު މުއްދަތަކި އަންނަ މަހުގެ 13 ވަނަ ދުވަހު މެންދުރުފަހު 2:00 އެވެ. އަދި މި ފޯމުތައް އަންނަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ހަމައަށް ބަލައިގަންނާނެ ކަމަށެވެ. އެ ފޯމު ރައީސް އޮފީހުންނާއި އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު