ރ. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހުޅުދުއްފާރު ކައުންސިލްގެ ނައިބު ރައީސް އަލީ ޖާވިދު "ވަން" އަށް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވި މީހާ ބައްޔަށް ޕޮޒިޓިވް ވިކަން އެނގުނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ދުވަސް ހަމަކުރުމަށްފަހު ކަރަންޓީނުން ދޫކުރުމަށް ނެގި ސާމްޕަލުން ކަމަށެވެ.

އެމީހާ ރަށުގެ އެއްވެސް މީހަކާ ކޮންޓެކްޓު ވެފައި ނުވާނެ ކަމަށާއި ނަމަވެސް މާލެއިން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރާނެ ކަމަށް ޖާވިދު ވިދާޅުވިއެވެ.

މިފަހަކަށް އައިސް ރަށްރަށުން ކޮވިޑް ކޭސްތައް ފެންނަ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން އއ. ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

އޭގެ އިތުރުން ރ. ދުވާފަރުން ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ދޫކޮށްލި ތިން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ދުވާފަރުން ފެނުނު ކޭސްތަކާ ގުޅިގެން އެރަށް މިހާރު ވަނީ ލޮކްޑައުން އަށް ގެނެސްފައެވެ.