ކަރަންޓީނު ފެސިލިޓީތައް ފުރި އެހެން ގައުމުތަކުން ލަންކާއަށް މީހުން ގެންދިއުން މެދުކަނޑައިލަން ނިންމައިފިއެވެ.

ކޮވިޑާ ގުޅިގެން އެހެން ގައުމުތަކުގައި ތިބި ލަންކާގެ ރައްޔިތުން އަނބުރާ އެގައުމަށް ގެންދަން ކުރަމުން ގެންދާ މަސައްކަތް މެދުކަނޑައިލަން ނިންމާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

ލަންކާ ރައީސްގެ އެޑިޝަނަލް ސެކެޓްރީ އަޑްމިރަލް ޖަޔަންތާ ކޮލަންބަގެ ވަނީ މި ނިންމުން ނިންމާފައިވަނީ ކޮވިޑްގެ ކޭސްތައް އެގައުމުގެ ރިހިބިލިޓޭޝަން ސެންޓަރެއްގައި ގިނަވާކަން ފާހަގަ ވުމާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ.

ޖަޔަންތާ ވަނީ ބަލި މީހުން ގިނަ ވާ ވަރަކަށް ކަރަންޓީނު ސެންޓަރުތައް އިތުރު ކުރަން ޖެހޭތީ ބޭރު ގައުމުތަކުގައި ތިބި އެގައުމުގެ ރައްޔިތުން ގެންދިއުން މަޑު ޖައްސައިލުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެ ފައެވެ.

ޖަޔަންތާ ވިދާޅުވީ 14 ޖުލައި އާ ހަމައަށް 65 ގައުމަކުން އެގައުމަށް އެތެރެވެފައިވާ މީހުންގެ އަދަދު 16،000 އަށް އަރާނެ ކަމަށެވެ. ޖަޔަންތާ ވިދާޅުވީ ސިއްހީ އޮފިޝަލުންނާއި އެގައުމުގެ އާމީ ގުޅިގެން 14 ޖުލައިން ފެށިގެން ތިނެއް ނޫނީ ހަތަރު ދުވަސްތެރޭ ކަރަންޓީނު ފެސިލިޓީތައް ގާއިމްކޮށް ބޭރުގައުމުތަކުގައި ތިބި ލަންކާގެ މީހުން އަލުން ގެންދަން ފަށާނެ ކަމަށެވެ.