ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ 20 މެންބަރަކަށް "އަޑީ ދައުލަތުން" މަރުގެ އިންޒާރުދެމުންދާ ކަމަށް ވިދާޅުވެ، އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގައި އިސްވެރިން ހޯދުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ޑީއާރުޕީގެ ލީޑަރު ޖާބިރު ހުށަހެޅުއްވި ޖާބިރު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރައީސް ނަޝީދު ތަކުރުރާކޮށް ވިދާޅުވަމުން ގެންދަވާ "އަޑީ ދައުލަތު"ގެ ބާރު ރާއްޖޭގައި ވަކި ހިއްޕަމުން އަންނަ ކަމަށާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުތަކުން ވެސް އެ ދައުލަތުގެ ބިރުވެރިކަން ވަޒަންކުރެވިފައިވާ ކަމަށެވެ.
"މިހާރު ވެސް ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ 20 މެންބަރުންނަށް މި ދަންނަވާ އަޑީ ދައުލަތުން ދަނީ ލާދީނީ ފިކުރުގެ ބައެއްކަމުގެ އިލްޒާމުއަޅުވައި މަރުގެ އިންޒާރުދެމުން ހުދު އަޅުގަނޑަށް ވެސް އަންނަނީ މަރުގެ އިންޒާރު ލިބެމުން،" ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
އެ މައްސަލައިގައި އިތުރަށް ބުނީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތެއްގައި ގަތުލުކުރުމުގެ ހިތާމަ ދިވެހި ރައްޔިތުން އަދިވެސް ތަހައްމަލުކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީ ނަގަހައްޓައި ދިވެހި ދައުލަތް ނޫން އެހެން ދައުލަތެއް ރާއްޖޭގައި އޮތުމަކީ ގާނޫނުއަސާސީގެ އަސްލާއި ހިލާފުވާ ކަމަކަށްވާތީ، ރައްޔިތުން ސަލާމަތްތެރި ކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މެންބަރުންގެ ޒިންމާއެއް ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން މިހާރުން މިހާރަށް މި މައްސަލަ ހައްލުކުރުމަށް އަޑީ ދައުލަތަކީ ކޮބައިކަން ދެނެގަނެ، އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮން ބައެއްތޯ ބެލުމަށް ގޮވާލާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު