ތުރުކީގެ ހާގިއާ ސޯފިއާ މިސްކިތަކަށް ބަދަލުކޮށްފިއެވެ.

1500 އަހަރު ކުރިން ރޫމީން ބިނާކޮށްފައިވާ ހާގިއާ ސޯފިއާ 1453 ވަނަ އަހަރު މިސްކިތަކަށް ބަދަލުކުރުމަށް ފަހު 1935 ވަނަ އަހަރު ވަނީ ދާރުލްއާސާރަކަށް ބަދަލުކޮށްފައެވެ. މިއީ ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ.

ތުރުކީގެ މުސްލިމުން ވަނީ އެ ނިންމުން އަލުން ބަދަލުކޮށް ހާގިއާ ސޯފިއާ މިސްކިތަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އެގައުމުގެ ސެކިއުލާ ވިސްނުމުގެ މީހުން މިކަމާ ދެކޮޅުހަދާފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ދިޔައީ ފިއްތުންތައް ކުރިމަތިވަމުންނެވެ.

އެންމެފަހުން ތުރުކީގެ ކޯޓަކުން ވަނީ ދާރުލްއާސާރެއްގެ ގޮތުގައި ބޭނުންކުރަމުން އައި ހާގިއާ ސޯފިއާ މިސްކިތަކަށް ބަދަލުކުރުމަށް އެގައުމުގެ ސަރުކާރަށް އަންގައިފައެވެ.

ކޯޓުގެ ނިންމުމަށް ބޯލަނބައި ތުރުކީގެ ރައީސް އެރެދޮގާން ވަނީ ހާގިއާ ސޯފިއާ މިސްކިތަކަށް ބަދަލު ކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ. މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ހާގިއާ ސޯފިއާ މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް އެރެދޮގާން ވަނީ އެގައުމުގެ އެހެން މިސްކިތްތަކާ އެއްގޮތަށް ހާގިއާ ސޯފިއާ ގެ ދޮރުތައްވެސް އެގައުމުގެ ރައްޔިތުންނާއި ބޭރުމީހުންނަށް ހުޅުވާލާނެ ކަމަށާއި މުސްލިމުންނާއި މުސްލިމް ނޫން މީހުންނަށްވެސް ހާގިއާ ސޯފިއާ އަށް ދައުވަތު ދެއްވާނެ ކަމަށެވެ.

ރައީސް އެރެދޮގާން ހާގިއާ ސޯފިއާ މިސްކިތަކަށް ބަދަލުކުރިކަން އިއުލާންކުރުމާއެކު އެމިސްކިތުން ވަނީ ބަންގިވެސް ގޮވައިފައެވެ. އަދި ތުރުކީގެ ހުރިހާ ޓީވީތަކުން މި މަންޒަރު ވަނީ ދުރަށް ދައްކައިފައެވެ.