ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މިވަގުތު ތިބި ބިދޭސީންގެ ތެރެއިން ތިން މީހަކު ކޮންމެހެން ވެސް ޑޮކްޓަރަށް ދައްކަން ޖެހިފައިވާ ކަމަށާއި ނަމަވެސް ޑޮކްޓަރަށް ދެއްކޭނެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށް އެރަށުގައި ތިބި ބިދޭސީން ބުނެފިއެވެ.
އެރަށުގައި ތިބި ބިދޭސީންގެ ފަރާތުންް "ވަން' އާ ވާހަކަ ދެއްކި ބިދޭސީއަކު ބުނީ އެމީހުން ބަލިވެގެން މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންވެސް އެމީހުން ޑޮކްޓަރަށް ދައްކައިދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި މިއަދާ ހަމައަށްވެސް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"ތިން ހަތަރު މީހާ ބަލި ހުންނަނީ. އެކަކު ހުންނަނީ މޮހޮރު ހެރިފަ ފަޔަށް. ދެން ހުންނަނީ ދަތުގައި ރިއްސާތީ އުޅޭ މީހާ. މުޅި ގައިގައި ބިހި ނަގާފައި ހުންނަ މީހާވެސް ހުންނަނީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ފުލުހުންގެ ފަރާތުން ބިދޭސީންނަށް އެހީތެރިކަން ލިބޭ ކަމަށެވެ. އެގޮތުން ފުލުހުން ކައިރީ ބުނުމުން ބޭނުންވާ ބައެއް އެއްޗެހި ގެނެސްދޭ ކަމަށާއި އަދި ބަލި މީހުންނަށް ބޭސް ވެސް ގެނެސްދޭ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ، ކުންފުނީގެ ވެރިންނަށް މިރޭ ގުޅުމުން ޑޮކްޓަރަށް ދެއްކުމަށް މާދަމާ ތުޅާދުއަށް ގެންގޮސްދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
މިހާރު އެރަށުގައި 179 ބިދޭސީއަކު އެބަތިއްބެއެވެ.
މިމަހުގެ ދެވަނަ ދުވަހު އެރަށުގައި ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި އެރަށުގައި ތިބި ބައެއް ދިވެހި މުވައްޒަފުން ރަހީނުކޮށްފައިވެއެވެ. ހަމަނުޖެހުންތައް ހިންގީ ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ މަސްތަކެއް ވުމުންނެވެ. އެ ހަމަނުޖެހުންތަކުގައި އެރަށުގެ ބައެއް ތަކެއްޗަށްވެސް ވަނީ ގެއްލުން ދީފައެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު