ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އާރާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނީ ރާއްޖެއާ ދުރުން އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާ ހަމައަށް ފޯރާނެ ކަމަށް ފޯކާސްޓު ކުރެވިފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އާރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑުވާނެކަމަށް ބެލެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާ އިން ވަނީ ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި ހާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން މޫދަށް އެރޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
މެޓުން ވަނީ ރަށްރަށުގެ ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުފަހަރުގެ ރައްކާތެރިކަމަށްވެސް ވިސްނެވުމަށް އެދޭ ކަމަށް ބުނެފައެެވެ.
ޚަބަރު
ޚަބަރު
ޚަބަރު