ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައާ ގުޅޭ ހަބަރުތައް ގެނެސްދިން މީޑިއާތަކުގެ މައްސަލައިގައި މީޑިއާތައް ޖޫރިމަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އަންގާފައި ނުވާނެ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑައި ހިލާފަށް އަމަލުކުރާ މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވައިދެއް ހަދަން ރައްޔިތުންގެ މަޖިލީހުން ވަނީ މީޑިއާ ކައުންސިލަށް އަންގައިފައެވެ.
މަޖިލީހުގެ އެ އެންގުމާ ގުޅިގެން ގިނަ މީޑިއާތަކުން ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ސަފާރީ ރޭޕް ކޭސްއާ ގުޅިގެން މީޑިއާތައް ޖޫރިމަނާކުރަން ކުރާ މަސައްކަތެއް ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. އަދި އެއީ މީޑިއާތަކަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށް ނޫސްތަކުގެ އެޑިޓަރުން ވަނީ ވިދާޅުވެފައެވެ.
މަޖިލީހުން އެންގި އެންގުމާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީޑިއާތަކުން ކިތަންމެ ވަރަކަށް ދޮގު ހަބަރު ފެތުރިޔަސް މީޑިއާ ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް މީގެ އެތައް މަހެއް ކުރިން ކޮމިޓީގައި މީޑިއާ ކައުންސިލުން ބުނީމަ، ޖޫރިމަނާކުރެވޭ ގޮތަށް ގަވައިދެއް ހެދޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް ކޮމިޓީގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި ސަފާރީ ރޭޕް ކޭސްއަކާއި ގަވައިދާ ގުޅުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެކަމާ ގުޅިގެން އެދުވަހު ކޮމިޓީގައި މީޑިއާ ކައުންސިލުން ބުނީ އެގޮތަށް ގަވައިދު ބަދަލުކޮށްފައި ކޮމިޓީއާ ހިއްސާކުރާނެ ކަމަށް. ރޭޕް ކޭސްއަކާ ގުޅިގެން މީޑިއާ ޖޫރިމަނާކުރާކަށް ނުބުނޭ. އެއް ސިޓީގައި އޮތަސް އެއީ މުޅިން ދެ ކަމެއްގެ ވާހަކަ. ރޭޕް ކޭސްއަކާ ގަވައިދަކާ ގުޅުމެއް ނެތް." ރޮޒެއިނާ ވިދާޅުވިއެވެ.
އެމްއެމްސީއަށް އެކަން އެންގުމަށްޓަކައި، ރައްޔިތުންގެ މަޖިލިހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ސޮއިކުރައްވައި މީޑިއާ ކައުންސިލަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، ވަކި ގާނޫނެއްގެ ދަށުން ގަވައިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާ ނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު ގަވައިދު ހެދުމަށް ދެވޭ ބާރުގެ ތެރޭގައި އެ ގަވައިދާ ހިލާފު ވެއްޖެނަމަ 2،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް އެ ގަވައިދުގައި ހިމެނިދާނެ ކަމަށް، މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
އެހެންކަމުން މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލު ކުރާ މީޑިއާތަކާ މެދު ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވައިދު އެކުކަވާލައި މިމަހު އަށެއް ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މަޖިލީހަށް ފޮނުވައި ދިނުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެދޭ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު