ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ފްލެޓް ލިބޭނެ ކަމަށް ބުނި މީހުންގެ ތެރެއިން މިހާތަނަށް ވެސް ސަރުކާރުން ގޮތެއް ހޯދައި ނުދެވިފައި ތިބި މީހުންގެ ލިޔެކިޔުންތައް ހުށަހަޅަން ދިން މުއްދަތު އިތުރުކޮށްފިއެވެ.
ވެށި ފަހި މާލެ ޕްރޮގްރާމަކީ ކުރީގެ ރައީސް، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި އަދި ބައެއް މީހުންނަށް ގާ ކޮށިންނާއި ހުޅުމާލޭން ވަނީ ފްލެޓް ދީފައެވެ. ނަމަވެސް ލިޔުން ދިނުމަށްފަހުވެސް ސަރުކާރުން ގޮތެއް ހޯދައި ނުދެވޭ ބަޔަކު އެބަތިއްބެވެ.
ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ މީހުންނަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެފަދަ މީހުންގެ ލިޔެކިޔުންތައް މިއަދުގެ ނިޔަލަށް ހުށަހަޅަން އޮތީ އަންގައިފައެވެ.
ނަމަވެސް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނަކުން، ލިޔެކިޔުން ހުށަހަޅަން ދިން ތާރީހު މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް ވަނީ އިތުރުކޮށްފައެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބުނު ފަރާތްތަކުން އައިޑީ ކާޑު ކޮޕީގެ އިތުރުން ފްލެޓް ދޭނެ ކަމަށް އެއްބަސްވެ ސަރުކާރުން ދީފައިވާ ލިޔެކިޔުންތަކާއި ދޫކޮށްލަން އެއްބަސްވި ގޭގެ ރަޖިސްޓަރީގެ ކޮޕީއެއް ހުށަހަޅަން އިއުލާނުގައި އަންގާފައިވެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ހައުސިން މިނިސްޓްރީގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން 507 ފަރާތަކުން އެމީހުންނަށް ލިބިފައި ވާ ބިންކޮޅު ދޫކޮށްލި ކަމަށެވެ.
އޭގެ ތެރެއިން 245 ފަރާތަކަށް ހުޅުމާލެއިން ބިން ދީފައިވާއިރު 101 ފަރާތަކަށް ކުރިން އަރަބިއްޔާ ސްކޫލް ހުރި ތަނާއި ގާކޮށީގައި ހެދި ފްލެޓުން ޖާގަ ދީފައިވާ ކަމަށާއި އަދި ހުޅުމާލެއިން 98 ފަރާތަކަށް ފެލްޓް ދީފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަދިވެސް 63 ފަރާތަކަށް ގޮތެއް ހޯދައި ދެވިފައި ނުވާއިރު އެކަމާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ސަރުކާރުގެ ތެރޭގައި ފެންނަން ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވެށިފަހި މާލެ ޕްރޮގްރާމްގެ ތެރެއިން ދައުލަތުން ދީފައި އޮތް ސައްހަ ލިޔުމެއް ހުށަހަޅާ ފަރާތްތަކުން، އެ ހުށަހަޅާ ލިޔެކިޔުމެއްގެ ސައްހަކަން ބެލުމަށްފަހު އޭގައި ބަޔާންކޮށްފައިވާ ގޮތަށް އެކަން ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު