ސިޔާސީ ގޮތުން އެމަނިކުފާނަށް ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ، މަނީލޯންޑާ ކުރުމުގެ ކުށުގައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމާ ގުޅިގެން، ހައިކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، އެ ފައިސާ ބަލައި ދިޔައީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރާއި، އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށެވެ. ނަމަވެސް އެއީ ކޮން ތަނަކުން ލިބިވަޑައިގެންނެވި ފައިސާއެއް ކަމެއް އަދި އެ ފައިސާ ބަލައި އެ ދެމީހުން ދިޔައީ ކޮންތާކަށް ކަމެއް ޔާމީން ވިދާޅެއް ނުވެއެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ ލޯންޗު ގޮއްވައިލި ހާދިސާއަށްފަހު، އަދީބުގެ އަތުގައި ހުރި އެމަނިކުފާނުގެ ފައިސާ ދިނުމަށް އެދޭތީ، އަދީބު ވިދާޅުވެގެން އެސްއޯއެފްގެ އެމްޑީ ޖަމާކޮށްދިން ފައިސާ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް ބޭނުން ނުކުރައްވާ ކަމަށާއި އެމްއެމްޕީއާރުސީގެ އެއްވެސް ޗެކެއް އަދި އެންޑޯސްކޮށްފައިވާ ޗެކެއް ވެސް ނުލިބޭ ކަމަށެވެ. އަދި އެސްއޯއެފްއިން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިއިރު ވެސް އެ އެކައުންޓުގައި ނުވަ ލައްކައެއްހާ ޑޮލަރު ހުންނާނެ ކަމަށެވެ. އަދި އެއީ ވޮޑުމުލާގެ ފައިސާ ކަމަށް ދައުލަތުން ކަނޑައަޅަނީ ކޮން ގޮތަކުންތޯވެސް ޔާމީން ސުވާލުކުރެއްވިއެވެ.
ޔާމީން ވިދާޅުވީ ވޮޑުުމުލާއަކީ ނުވެސް ދަންނަ ރަށެއް ކަމަށާއި އެރަށުގެ ނަން އެނގިވަޑައިގަތީވެސް ޝަރީއަތުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު