އަނބުރާ ނުލިބޭނެ ދަރަންޏަށް ނިސްބަތްވާ ޖީއެސްޓީގެ އަދަދު، މީރާގެ ހުއްދައާއެކު އުނިކުރެވޭ ގޮތަށް ޖީއެސްޓީގެ ބަޔާނަށް އެ އޮތޯރިޓީން ބަދަލު ގެނެސްފިއެވެ.

މީރާ އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ ޓޫރިޒަމް ދާއިރާ ނޫން އެހެން ދާއިރާތަކުގެ ޖީއެސްޓީ ބަޔާނާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ޖީއެސްޓީ ބަޔާނުގެ ފުރަތަމަ ސަފްހާގެ އަށް ވަނަ އައިޓަމް، "އަނބުރައި ނުލިބޭނެ ދަރަންޏަށް ނިސްބަތްވާ ޖީއެސްޓީގެ އަދަދު" އަށް ބަދަލުކުރުމުން އެ އައިޓަމްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތުން ހިމަނަން ޖެހޭނީ އަނބުރައި ނުލިބޭނެ ދަރަންޏަކަށް ދައްކާފައިވާ ޖީއެސްޓީގެ އަދަދު ކަމަށާއި މި ބަދަލާއެކު އެ އަދަދު ހިމެނުމުގެ ކުރިން މީރާގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް މީރާގެ ސާކިއުލާގައި ވެއެވެ.

މީގެ ކުރިން އޮންނަ ގޮތުން ނަމަ، އަނބުރައި ނުލިބޭނެ ދަރަންޏަށް ނިސްބަތްވާ ޖީއެސްޓީގެ އަދަދު ހިމެނިފައި އޮންނަނީ އެހެނިހެން ބައިގައެވެ. މި ގެނައި ބަދަލާއެކު ކޮވިޑް-19އާ ގުޅިގެން ނުލިބޭނެ ކަމަށް ބެލެވިފައިވާ ފައިސާއަށް ޖީއެސްޓީ ދެއްކުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ.

މީރާގެ ސާކިއުލާގައި އިތުރަށް ބުނީ، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން، 1 އޮގަސްޓް 2020 އިން ފެށިގެން މީރާއަށް ހުށަހަޅަން ވާނީ ޖީއެސްޓީ ބަޔާނުގެ ވާޝަން 20.1 ކަމަށެވެ. އަދި އެ ވާޝަން މީރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.