އެޗްޑީސީ އިން މެލޭޝިއާގެ ކުންފުންޏަކަށް 22 މިލިއަން ޑޮލަރު ދިނުމަށް އާބިޓްރޭޝަން އިން ކަނޑައަޅައިފިއެވެ.
ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖައްސާފައިވާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ މައްސަލައިގައި މެލޭޝިއާގެ ޑަބްލައިޒެޑްއާރު ޕްރޮޕަޓީ އިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި މިމައްސަލަ އާބިޓްރޭޝަން އަށް ހުށަހަޅައިފައެވެ. އެކުންފުނިން އާބިޓްރޭޝަން ގައި އެދިފައިވަނީ މަސައްކަތުގެ ފުރިހަމަ އަގު ހޯދުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އިން ވަނީ އެޗްޑީސީ އިން ޑަބްލައިޒެޑްއާރު ޕްރޮޕަޓީ އަށް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހަތްދުވަސްތެރޭ މި ފައިސާ ދެއްކުމަށް އަންގައިފައެވެ.
މިމައްސަލަ ޑަބްލައިޒެޑްއާރު ޕްރޮޕަޓީ އިން އާބިޓްރޭޝަން އަށް ހުށަހަޅާފައިވަނީ އެޗްޑީސީ އިން އެކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުގައިވާ ގޮތުގެ މަތިން ނުދެއްކުމުންނެވެ. އެކުންފުނިން ވަނީ ބަދަލެއްގެ ގޮތުގައި 462 މިލިއަން ޑޮލަރު ހޯދުމަށް އެދިފައެވެ. ޑަބްލައިޒެޑްއާރު ޕްރޮޕަޓީ އިން ވަނީ މެއި 2018 ގައި އެކުންފުނިން ފޮނުވާފައިވާ އިންވޮއިސްތަކަށްވެސް ފައިސާ ދީފައި ނުވާކަމަށް ބުނެފައެވެ.
"ޔޫ ބިލްޑިންގް" ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ 22 ބުރީގެ އިމާރާތުގެ މަސައްކަތް މެލޭޝިއާގެ ޑަބްލައިޒެޑްއާރު ޕްރޮޕަޓީ އާ ހަވާލުކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި 2016 ވަނަ އަހަރުގެ މާޗް މަހުގައެވެ. މިއިމާރާތް އެންމެ ފުރަތަމަ ހަދަން ނިންމާފައިވަނީ މިހާރު ފިނޭންސް މިނިސްޓްރީ ހުރި ބިމުގައެވެ އޭރު އެއިމާރާތް ހެދުމަށް ނިންމީ ކޮންޓްރެކްޓަރުގެ ފައިސާއިން 123 މިލިއަން ޑޮލަރަށެވެ. ނަމަވެސް ފަހުން އެއިމާރާތް ހެދުމަށް ނިންމާފައިވަނީ ހުޅުމާލޭ ދެވަނަފިޔަވަހީގެ ބިމެއްގައެވެ.
މި ކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލު ހޯދުމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަށް ތަކުރާރުކޮށް ގުޅުމުންވެސް އެއްވެސް މައުލޫމާތެއް ނުދެއްވި އެވެ. ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރުއްވާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ ބޭނުންވާ މައުލޫމާތު ހޯދަން މެއިލް ކުރުމަށެވެ. މެއިލް ކޮށްފައި ގުޅުމުން ވިދާޅުވީ އެ މައުލޫމާތު އެހާ އަވަހަށް ނުލިބޭނެ ކަމަށާއި ކަމާ ބެހޭ ޑިޕާޓްމެންޓަށް ފޮނުވައިގެން އެ މައުލޫމާތު ލިބިވަޑައިގަތުމުން ހިއްސާ ކުރައްވާނެ ކަމަށެވެ.
މިއިމާރާތައް ސަރުކާރުން ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ތިން އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު