ވައިގެ ޒަރިއްޔާއިން ކޮވިޑް ފެތުރޭކަމަށް ޑަބްލިޔުއެޗްއޯ އިން ނިންމަންޖެހޭ ކަމަށް ސައިންސުވެރިން ބުނަން ފަށައިފިއެވެ.

ދުނިޔޭގެ 32 ގައުމަކުން 239 ސައިންސުވެރިންގެ ފަރާތުން ވަނީ މިކަމަށް އެދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއަށް ސިޓީއެއް ފޮނުވައިފައެވެ. އަދި މި ސައިންސުވެރިންގެ ހޯދުންތައް އަންނަ ހަފުތާގައި ޝާއިއުކުރާނެ ކަމަށްވެސް ސައިންސުވެރިންގެ ޓީމުން ވަނީ ބުނެފައެވެ.

ސައިންސުވެރިން ވަނީ ކޮވިޑުގެ ވައިރަސް ވައިގެ ތެރޭގައިވެސް އުޅޭނެކަމުގެ ހޯދުންތައް ހޯދިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ކޮވިޑުގެ ވައިރަސް އެކުލެވޭ ކުދި ތިކި ވައިގެ ތެރޭ ބޮޑު ސަރަހައްދަކަށް ފެތުރޭ ކަމަށް ވަނީ ބުނެފައެވެ.

ޑަބްލިޔުއެޗްއޯ އިން މީގެ ކުރިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑް ޖެހެނީ، ބަލި ޖެހިފައި ހުރި މީހަކު ކެއްސައި، ކިނބިހިއަޅައި ނުވަތަ ވާހަކަ ދެއްކުމުގެ ތެރެއިންވެސް ބޭރުވާ ޖަރާސީމުން ކަމަށެވެ. އަދި މިއީ ވައިގެ ޒަރިއްޔާ އިން ފެތުރޭ ވައިރަސްއެއް ނޫން ކަމަށް އެ ޖަމިއްޔާއިން ވަނީ ނިންމައިފައެވެ.

މިފަހަރު ގިނަ ސައިންސުވެރިންގެ ފަރާތުން ޑަބްލިޔުއެޗްއޯއަށް މި ނިންމުން ބަދަލުކުރުމަށް އެދުނު ނަމަވެސް ޑަބްލިޔުއެޗްއޯ އިން އަދި މިހާތަނަށް ރައްދެއް ދީފައެއް ނުވެއެވެ.