"ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ބިން ހަމަޖެހޭނެ ކަމުގެ ލިޔުން ލިބިފައިވާ މީހުންގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފިއެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފްލެޓް ދޭނެކަމުގެ ލިޔުން ލިބި ފްލެޓް ހަވާލު ނުކުރާ މީހުންނާއި، މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި މިހާތަނަށް ގޯތި ހަވާލުނުކުރެވިވާ ފަރާތްތަކުން މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރަން ވަނީ ކުރީން އެދިފައެވެ. އެ ލިޔުންތައް މާޗު މަހުގެ 22 ގެ ކުރިން ހުށަހަޅަން އޭރު އެންގިއެވެ.

ނަމަވެސް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލުކޮށް، އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ހާއްސަ ފިޔަވަޅުތައް އެޅުމަށް މާޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާ ގުޅިގެން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ސަރުކާރުގެ އޮފީސްތައް އާންމުންނަށް ހުޅުވާލާ ތާރީހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އިތުރު ކުރަން ނިންމި ކަމަށެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައުސިން މިނިސްޓްރީ އުވާލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވާތީ، ވެށިފަހި ލިޔުން ހުށަހަޅަން ޖެހޭނީ އެ މިނިސްޓްރީއަށް ކަމަށްވެސް އިއުލާންގައިވެއެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބުނު ފަރާތްތަކުން އައިޑީ ކާޑު ކޮޕީގެ އިތުރުން ފްލެޓް ދޭނެ ކަމަށް އެއްބަސްވެ ސަރުކާރުން ދީފައިވާ ލިޔެކިޔުންތަކާއި، ދޫކޮށްލަން އެއްބަސްވި ގޭގެ ރަޖިސްޓަރީގެ ކޮޕީއެއް ހުށަހަޅަން އަންގާފައިވެއެވެ. ލިޔުންތައް ހުށަހަޅަން ބުނެފައިވަނީ ހުޅުމާލެއިން ގޯތި ލިބޭނެ ކަމަށް ލިޔުން ދޫކޮށްފައިވާ މީހުން އެކަންޏެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފެށި ވެށިފަހި މާލެ ޕްރޮގްރާމް ހުޅުވާލީ ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހީގެ އިތުރުން މާލެ މުނިސިޕަލްޓީގެ ދަފުތަރުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށެވެ. މީގެތެރެއިން ބައެއް މީހުންނަށް ވަނީ ފްލެޓް ލިބިފައެވެ.