ފަލަސްތީނުގެ މައްސަލަޔަކީ ދީނާއި އަގީދާއާ ގުޅިފައިވާ މައްސަލައެއް ކަމަށާއި އެތަން ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ދީނީ ވާޖިބެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ޖެރޫސެލަމްގައި ބޭއްވި "ވިތު ޕީސް އެގެއިންސްޓް ދި އޮކިއުޕޭޝަން" ކޮންފަރެންސްގައި ޒޫމް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އިއްޔެ ހަވީރު ކުރިޔަށްދިޔަ މި ކޮންފަރެންސްގައި މިނިސްޓަރު ވަނީ ފަލަސްތީނުގެ މައްސަލައަކީ ދީނީ އަދި އަގީދާއާ ގުޅިފައިވާ މައްސަލައެއް ކަމަށް ވިދާޅުވުމުގެ އިތުރުން އެތަނުގައި މުސްލިމުންގެ ގިބުލައެއް ކަމުގައިވާ އަލް މަސްޖިދުލް އަގްސާ ހުންނަކަންވެސް ފާހަގަކުރައްވައިފަ އެވެ.
މީގެ އިތުރުން ރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ބިންތަކަށް ގަދަވެގަނެފައިވާ ޔަހޫދީންގެ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލާ ގައުމެއް ކަމަށް މިނިސްޓަރު ޒާހިރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ކަމަށާއި ރާއްޖެއިން އަބަދުވެސް މިގޮތުގެ މަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ. ހަމަ އެއާއެކު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިކަމަށް ބާރު ދެއްވައި އދ ގެ 75 ވަނަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވި ބަސްފުޅު މިނިސްޓަރު ޒާހިރު މި ކޮންފަރެންސްގައި ތަކުރާރު ކުރެއްވި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
"ފަލަސްތީނު މިނިވަން ވުމަށާއި ވަކި ދައުލަތެއްގޮތުގައި އޮތުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދެގޮތެއްނެތި އަބަދުވެސް ދެމުން ގެންދާނަން" މިއީ މިނިސްޓަރު ޒާހިރު ކޮންފަރެންސްގައި ތަކުރާރު ކުރެއްވި ރައީސް ސޯލިހުގެ ބަސްފުޅެވެ.
މިނިސްޓަރު ޒާހިރު ވަނީ މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރެއްވުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ކުރައްވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި އެ މަސައްކަތްތަކަށް ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފައި ކަަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ލައްވައި، ފަލަސްތީނުގެ މުސްލިމުން ތަހައްމަލު ކުރަމުންދާ ވޭންދެނިވި ދުވަސްތައް ބަދަލުކުރައްވައި ޔަހޫދީންގެ އަތްދަށުން އެގައުމު ރައްކާތެރިކޮށް އެގައުމަށް ނަސްރާއި ކަމިޔާބު މިންވަރުކޮށްދެއްވުމަށް މިނިސްޓަރު ޒާހިދު ދުއާކުރެއްވި ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު