އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހަކަށް އެހެން ޕާސްޕޯޓެއްގައި ވެސް ރާއްޖެ ނާދެވޭނެކަމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އިމިގްރޭޝަނާބެހޭ އާ ގާނޫނުގައި ސާރުކޮށް ބުނާ ކަމަށް، މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެ މެންބަރު މިހެން ވިދާޅުވީ، މިއަދު މަޖިލީހަށް ހުށަހަޅައިގެން އެ ބިލުގެ ބަހުސްގެ މަރުހަލާ ކުރިއަށް ދިޔަ އިރު، އެ ގާނޫނުގައި، ރާއްޖެ އައުން މަނާ މީހުންގެ ގޮތުގައި އިޒްރޭލް ޕާސްޕޯޓް އޮތް މީހުން ހިމަނާފައިވާތީ، އެއީ ޒަޔަނިސްޓުން ރާއްޖެ އައުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށާއި އިސްރޭލް މީހުންނަކީ ޑުއެލް ޕާސްޕޯޓް ގެންގުޅޭ ބަޔަކަށް ވުމުން އެހެން ޕާސްޕޯޓެގައިވެސް ރާއްޖެ އައުމުގެ ފުރުސަތު ބިލް އޮތް ގޮތުން އެބައޮތް ކަަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މެންބަރު މުސްތަފާ ވިދާޅުވީ، އެ ބިލުގެ 46 ވަނަ މާއްދާގައި، ދިވެހިރާއްޖެއަށް އައުމުގެ ހުއްދަ ނުދެވޭނެ މީހުންގެ ލިސްޓެއް އޮތް އިރު އެ ލިސްޓުގެ (މ) ގައި އޮތީ "އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް" ކަމަށެވެ.
"އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަކީ ކޮބައިތޯ؟ ބައްލަވާ އަޅުގަނޑުމެންގެ މި މަޖިލީހުންނޭ، ސަރުކާރުން ފޮނުވައިގެން އިޒްރޭލު ޕާސްޕޯޓް ބޭންކުރީ. އޭގެ މާނައަކީ އެ ޕާސްޕޯޓް ނޫން ދެވަނަ ޕާސްޕޯޓެއްގައި އައުމުގެ ފުރުސަތު އަދިވެސް އޮތީ. ޑުއަލް ޕާސްޕޯޓް ގެންގުޅޭ ބައެއް އެއީ. އެހެންވީމާ ދެވަނަ ޕާސްޕޯޓްގައި އެ މީހުން އަދިވެސް ރާއްޖެއަށް އާދޭ، އެކަން އެބަ ހިނގާ، އަޅުގަނޑު ވެސް ގަބޫލުކުރަން. އެއެއް އަޅުގަނޑުމެނަކަށް ނުވެސް ހުއްޓުވޭނެ އެއީ އޭރު އަޅުގަނޑުމެން ބޭންކުރީ އިޒްރޭލު ޕާސްޕޯޓް،"
ނަމަވެސް އޭނާ ވިދާޅުވީ މިހާރު ގެނެސްފައިވާ ބަދަލުން އެކަން ދެން އެހެން ނުވާނެ ކަމަށެވެ.
މިހާރު ހުށަހަޅާފައި އޮތް ބިލުން މަނާކުރަނީ އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް މިރާއްޖެއަށް ނުވަދެވޭނެ ކަމަށް ކަމަށާއި އޭގެ މާނައަކީ ދެވަނަ ޕާސްޕޯޓެއް ހިފައިގެން ވެސް ތިން ވަނަ ޕާސްޕޯޓެއް ހިފައިގެން ވެސް އެފަދަ މީހަކަށް ރާއްޖެ ނާދެވުން ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިން މަނާކުރީ ޕާސްޕޯޓް ކަމަށް ވިޔަސް މިފަހަރު މަނާކުރަނީ ޕާސްޕޯޓް ގެންގުޅޭ މީހާ ކަމަށާއި އެކަން ވަރަށް ސާފުކޮށް އެނގެން އެބަ އޮތް ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް