އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް ރާއްޖެ އައުން މަނާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ދިވެހި ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ އާ ބިލުން ޒަޔަނިސްޓުން ރާއްޖެ އައުން މަނާ ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި އިމިގްރޭޝަން ގާނޫނުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، މި ބިލު ހުށަހަޅަމުން މެންބަރު، ދެއްކި އެންމެ ބޮޑު އެއް ވާހަކައަކީ މި ގާނޫނުން ޒައިިސްޓުންނަށް ރާއްޖެ ނާދެވޭ ވާހަކަ ކަމަށެވެ.
ނަމަވެސް ބިލްގައި ކަނޑައަޅާފައި ވަނީ، އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ފިއްޓޭ ވިދާޅުވީ، މީގެކުރިން ގާނޫނަށް ގެނައި އިސްލާހުން އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އައުން މަނާ ކުރީ، ހަތެއް އޮކްޓޫބަރު 2023 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ހަަމަލާތައް ހުއްޓަންދެން ކަމަށެވެ. އެހެންކަމުން އޭރު ރާއްޖެއަށް އިޒްރޭލް މީހުން އައުމުގެ ބާރު އޮތީ އިޒްރޭލް ސަރުކާރަށް ކަމަށްވެސް ވިދާޅުވިއެވެ.
ފިއްޓެ ވިދާޅުވީ، އެއީ ހަމަލާތައް ހުއްޓުވުމުގެ ބާރު އިޒްރޭލް ސަރުކާރަށް އޮތުމުންނެވެ.
ނަމަވެސް ފިއްޓެ ވިދާޅުވީ، މިފަހަރު ހުށަހަޅާފައިވާ ބިލުގައި އެއަށްވުރެ ރަނގަޅަށް އެކަން ހިމަނާފައިވި ނަމަވެސް ސީދާ ޒަޔަނިސްޓުން ރާއްޖެ އައުން މަނާ ކަމަށް ބިލްގައި ހިމަނާފައި ނެތުމުން މި ގާނޫނުން އެ މީހުން އައުން މަނާ ނުކުރެވޭ ކަމަށެވެ. އަދި އިޒްރޭލް ގިނަ މީހުންނަކީ، ޑުއެލް ޕާސްޕޯޓް ގެންގުޅޭ ބަޔެއް ކަމުން ވެސް މި ގާނޫނުން އެމީހުން އައުން މަނާ ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް