ދައުލަތުގެ އާމްދަނީއަށް 496،300،302 (496 މިލިއަން) ރުފިޔާ އިތުރު ކުރެވޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް މިއަދު ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ 21 ގައެވެ. ހަމަ އެ ދުވަހު ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު މަޖިލީހަށް ބަލައިގަތެވެ.
އެހެންކަމުން އެ ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވިކަން އެ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވިއެވެ. ނަމަވެސް އެ ބިލު ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އިގުތިސާދީ ކޮމިޓީއަށް ފޮނުވައިފައެވެ.
ބިލު އިގުތިސާދި ކޮމިޓީން ދިރާސާ ކުރި ރިޕޯޓް މުޅި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، އެ ކޮމިޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލި ފަޒާދުއެވެ.
މި ބިލުގެ ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާ ކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.
ބިލުގައި ބުނެފައިވަނީ އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ، ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްް-އެބިޓްޑާގެ 25 ޕަސެންޓް ކަމަށެވެ. މިހާރު އަމަލުކުރަމުން އަންނަ އާމްދަނީން ޓެކްސް ނެގުމާ ބެހޭ ގާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
މި ބިލު ތަންފީޒު ކުރަން ފެށުމުން ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ބިލު ތަންފީޒު ކުރުމަށް ހުށަހަޅާފައިވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި އަންދާޒާ ކޮށްފައިވެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް