ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި، ރިއަލް ސްޓޭޓް ވިޔަފާރީގެ ބިލުގެ ބަހުސް ހޫނުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމުގެ ނަން އިއްވައި މަޖިލިސް ޖަލްސާއިން ނެރެފިއެވެ.
ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، ރިއަލް ސްޓޭޓްގެ ބިލްގެ ނަމުގައި ބިލް އޮތް ނަމަވެސް މި ބިލަކީ ދިވެހިންގެ ފަސްގަނޑު ބޭރު ބަޔަކަށް ވިއްކާލާ ބިލެއް ކަމަށެވެ.
ބިލުގެ ނަން މާ ރީތިކޮށްގެން ދިވެހި ރައްޔިތުންގެ ވާވައްދަން ބިލް ފޮނުވި ނަމަވެސް މި ބިލުގެ މަގުސަދަކީ ގާނޫނުއަސާސީން ދިވެހިގެ ބިމަށް ފޯރުކޮށްދީފައިވާ ރައްކާތެރިކަން ނިމުމަކަށް ގެނައުން ކަމަށްވެސްް މީކާއީލް ތުހުމަތު ކުރެއްވިއެވެ.
ބިލާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި މީކާއީލް ދައްކަވަމުން ގެދިޔަ ވާހަކައިގެ ސަބަބުން ބަހުސް ހޫނުވީ، ރަސްމާލެ ޕްރޮޖެކްޓަށް އިންވެސްޓް ކުރަން ހަމަޖެހިފައިވާ އީގަލް ހިލްސްގެ ކޮރަޕްޝަން ފައިސާ މަޖިލިސް ތެރެއަށް ވަދެފައިވާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރައްވަން ފެއްޓެވުމުންނެވެ.
މީކާއީލް ތުހުމަތު ކުރެއްވީ، ރޭގެ ވަގުތެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ކަޅު ދަބަހެއް ހިއްޕަވައިގެން އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއެކު މަޖިލީހަށް ވަޑައިގެންނެވުމުގައި ގޯސް ކަންތައްތަކެއް ހިމެނޭކަމަށެވެ.
އެ ތުހުމަތުތަކާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި، މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، އެބޭފުޅުން ވަޑައިގެންނެވީ ބައެއް މެންބަރުން މައުލޫމާތެއް ސާފު ކުރައްވަން ބޭނުންވެގެން، ކަމަށާއި، މީކާއީލްގެ ތުހުމަތުތަަކަކީ ބޮޑު ދޮގެއް ކަމަށެވެ.
އެއަށްފަހުވެސް މީކާއީލްގެ ވާހަކައިގައި ހަމަ އެގޮތަށް ތުހުމަތުތައް ކުރައްވަން ފެއްޓެވުމުން، ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް ނިޒާމީ މައްސަލައެއް ނަންގައިވި ވިދާޅުވީ، މިިނިސްޓަރު ވަޑައިގެންނެވީ އެރޭ އާރަށުގައި ކުޅުއްވުމަށްފަހު ބޫޓު ދަބަހައްލައްވައިގެން ކަމަށެވެ. އަދި މަޖިލިސް މެންބަރުންނާ ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ މަޖިލިސް ތަޅުމުގައި ނުދެއްކެވުމަށް، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީިމް އަބްދުﷲ މީކާއީލް އަށް އިންޒާރު ކުރެއްވިއެވެ.
އެ ހިސާބުން މެންބަރުންގެ މެދުގައި ބަހުސްގެ ބޭރުން، އެއް ބަޔަކު އަނެއް ބަޔަކަށް ރައްދު ދެއްވަން ފެއްޓެވިއެވެ. އަދި އިދިކޮޅު ބައެއް މެންބަރުން މަޖިލިސް ރިޔާސަތުގެ ކުރިމައްޗަށް އެއްވެ، އަޑުގަދަކުރައްވަން ފެއްޓެވިއެވެ. އެއާއެކު މަޖިލީހުގެ ގަވާއިދަށް ހުކުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް މެންބަރު މީކާއީލަށް ރިޔާސަތުން އިންޒާރު ދެއްވަމުން ގެންދެވިއެވެ. އެއަށްފަހު މީކާއީލްގެ ނަން އިއްވައި މަޖިލީހުން ނިކުންނެވުމަށް އެންގެވިއެވެ.
މީކާއީލް ޖަލްސާއިން ނިކުންނެވީ މަޖިލީހުގެ ސެކިއުރިޓީންނާއެކުއެވެ.
ޖަލްސާގައި މީކާއީލްގެ ނަން އިއްވެވުމަށް ފަހުވެސް، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމު ނިއުޝާދަށް، މަޖިލިސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖިލިސް ރައީސް އިންޒާރު ދެއްވިއެވެ.
ނަމަވެސް އެއަށް ފަހު އެއްވެސް މެންބަރެއްގެ ނަން އިއްވާފައެއްނުވެއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް