ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގައި ޓެނެރީފްގެ ފޯވަޑް ޖީސަސް ޑި މިގޭލް މަރުވުގެ ހާދިސާއާ ގުޅިގެން، އެންޑޯރާގެ ގޯލްކީޕަރު ޖީސަސް އޮވޯނޯ 12 މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

އުމުރުން 25 އަހަރުގެ ކީޕަރު ދަނޑުމަތިން މިގޭލް ގައިގައި ޖެހުމުން މިގޭލް ދަނޑު މައްޗަށް ވެއްޓުނީ ހަބަރު ހުސްވެގެންނެވެ. ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދަނިކޮށް ހާޓް އެޓޭކެއް ޖެހުނެވެ. އެއާއެކު ކުއްލި ގޮތަކަށް ފޯވަޑް ވަނީ މަރުވެފައެވެ.

އެންޑޯރާގެ ކީޕަރުގެ ގާތް ފަރާތެއް ކަމަށްވާ އެކުއެޓޯރިއަލް ގީނީ ފުޓުބޯޅަ އިދާރާގެ ކޯޑިނޭޓަރު އަނާ މަޔޭ ނޫސްތައް ބުނީ އޮވޯނޯއާ ވާހަކަ ދައްކައިގެން އެ ހިތާމައިން އަރައިގަތުމަށް ގިނަ ބަޔަކު ބުނި ނަމަވެސް، އޭނާ ހުރީ އުނދަގޫ ހާލަތެއްގައި ކަމަށެވެ. ހާއްސަކޮށް އޮވޯނޯ އެންމެ ބޮޑަށް މާޔޫސްވީ މިގޭލްގެ އަންހެނުންނާއި އެއް އަހަރާ ބައިގެ ދަރިފުޅަށް ލިބުނު ހިތާމައިގެ ސަބަބުން ކަމަށްވެސް އަނާ ބުންޏެވެ.

އަނާ ބުނީ އޮވޯނޯ މިގޭލްގެ އާއިލާގެ ކަންކަން ގާތުން ބަލަމުންދާ ކަމަށާއި، އެ ހިތާމައިން އަރައިގަތުން އޮވޯނޯއަށް އުނދަގޫވެފައިވާ ކަމަށެވެ.

މިގޭލް މަރުވުމުގެ ހާދިސާއާ ގުޅިގެން އޮވޯނޯގެ އާއިލާއަށްވެސް ގިނަ ބަޔަކު ފުރައްސާރަކޮށް ދިމާކުރަމުންދާ ކަމަށް އަނާ ބުންނެވެ. އެގޮތުން ވެލެންސިއާގައި ކިޔަވަމުންދާ އޮވޯނޯގެ ކޮއްކޮއާވެސް ގިނަ ބަޔަކު ދިމާކޮށްފައިވާ އިރު، އެ އާއިލާއަށް އެ ފުރައްސާރަ ހައްގު ނޫން ކަމަށްވެސް އަނާ ބުންޏެވެ.

ފޯވަޑް މަރުވި ހާދިސާއާ ގުޅިގެން އޮވޯނޯ ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގި ދުވަހަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ އުނދަގޫ ދުވަސް ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ތަހުގީގެއް ހިންގާނަމަ، އެކަމަށްވެސް ފުރިހަމައަށް އެއްބާރުލުން ދޭން އޮވޯނޯ ބުނެފައިވެއެވެ.

މިމަހުގެ ދެވަނަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން އޮވޯނޯއަށް ފިޔަވަޅު އެޅީ ޑިސިޕްލިނަރީ ކޯޑުގެ 102 ވަނަ މާއްދާގެ ދަށުންނެވެ. އެއީ އިހުމާލެއްގެ ސަބަބުން ސީރިއަސް ގެއްލުމެއް ލިބުނު ކަމަށް ބަލައިގެންނެވެ. ކޮމިޓީން ބުނެފައި ވަނީ އެ ފައުލްކުރި އިރު، އޮވޯނޯގެ ފައިގެ މިސްރާބުހުރި ގޮތުން އެއީ ސީރިއަސް އަނިޔާއެއް ލިބޭނެ ފައުލެއްކަން އޭނާއަށްވެސް އެނގޭ ކަމަށެވެ. އަދި މެޗު ރެފްރީ ފާހަގަކޮށްފައި ވަނީ އޮވޯނޯ ނުރައްކާތެރި ކުޅުމެއް ކުޅުނު ކަމަށް ކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ.