ރައްޔިތުންގެ މަޖިލީހަށް ހުށަޅާ ގަރާރަކަށް މަޖިލީހުގައި ބަހުސް ކުރެވޭނީ، އެ ގަރާރެއް މަޖިލީހަށް ބަލައިގަނޭތޯ ވޯޓަށް އެހުމަށްފަހު ގަރާރު މަޖިލީހަށް ބަަލައިގަތުމުން ކަމަށް ކަނޑައަޅައިފިއެވެ.
މި ގޮތަށް ކަނަޑައެޅީ މަޖިލިސް ގަވާއިދުގެ 191 ވަނަ މާއްދާއަށް، އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މި އިސްލާހު ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން އާއެކު 11 މެންބަރުން ވޯޓު ދެއްވީ މި އިސްލާހު ފާސް ނުކުރުމަށެވެ.
މި އިސްލާހު ގެނައުމުގެ ކުރިން ގަވާއިދުގެ 191 ވަނަ މާއްދާގައި އޮންނަނީ، މަޖިލީހުގައި ގަރާރުގެ މައްޗަށް ވެސް ހިނގާނެ އުސޫލަކީ އާއްމު ގޮތެއްގައި ބިލުގެ މައްޗަށް ހިނގާ އުސޫލު ކަމަށެވެ. ނަމަވެސް މަޖިލީހުން ގަރާރު ފާސް ވުމުން، ބިލު ތަސްދީގު ކުރަން އޮންނަ އުސޫލުން ގަރާރު ތަސްދީގު ކުރަން ފޮނުވަން ނުޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
އެގޮތުގެމަތީން ގަރާރުތަކާ މެދު މިހާތަނަށް އަމަލު ކުރަމުން އައީ މެންބަރަކު ގަރާރެއް ހުށަހެޅުމުން، އެ ގަރާރުގެ ފުރަމަ ކިޔުން އިއްވައި، އެ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަން ހުޅުވައިލާ ގޮތަށެވެ. އެއަށްފަހު މަޖިލީހަށް ބިލު ބަލައިގަންނަ އުސޫލުން ގަރާރު ވެސް މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް އަންނަނީ ފޮނުވަމުންނެވެ.
ނަމަވެސް މިއަދު މަޖިލީހުން ފާސްކޮށް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ، މަޖިލީހަށް ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. ގަރާރަށް ބަހުސް ކުރެވޭނީ މަޖިލީހަށް ބަލައިގަތުމުން ކަމަށެވެ. ގަރާރު މަޖިލީހަށް ބަލައި ނުގެންފިނަމަ އިތުރު ބަހުސެއް ނޯންނާނެ ކަމަށާއި ގަރާރު ބާތިލުވީ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
އެ ގޮތަށް މަޖިިސް ގަވައިދު ބަދަލު ކުރުމުން ކުއްލި މައްސަލަތަކަށް އޮންނަ ގޮތަށް، މަޖިލީހަށް ހުށަހަޅާ ގަރާރަކަށް ބަހުސް ކުރުމަށް މަޖިލީހުގައި އެއިރަކު އޮންނަ މެޖޯރިޓީއަކަށް ނުފެންނަ ހާލަތުގައި، ބަހުސަކާ ނުލައި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް