ކުރިން ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައި ހުރި މަރިޔަމް ދީނާގެ މައްޗަށް ދައުލަތުން އުފުލި ކޮރަޕްޝަންގެ ދައުވާ ސާބިތުވެ، އަދަބު ކަނޑައެޅެންދެން އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އިއްޔެ އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރު ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކު ފެނަކައިން ވި އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަކުރިކަން ކަށަވަރު ނުކޮށް ފައިސާ ދޫކުރި މައްސަލައެކެވެ.

ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ދީނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. ދީނާގެ މައްޗަށް ކުށް ސާބިތުވިކަމަށް ކަނޑައެޅުމާ އެކު، ދައުލަތުގެ އެދުމުގެ މަތިން ގާޒީވަނީ ހުކުމް އިއްވުމާ ހަމައަށް ދީނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކޯޓުން އެގޮތަށް އަމުރުކުރުމުން ދީނާވަނީ ޝަރީއަތުގެ މަޖިލީހުގައި ވަރަށް ބޮޑަށް ރޮއެފައެވެ. ދީނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ހިޔާނާތާ ގުޅިގެން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް މީގެ އަހަރެއްހާ ދުވަސް ކުރިންވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

އޭރު ދީނާއަށް ހުކުމް ނުކުރެވި ލަސްވީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެންނެވެ. އޭގެ ފަހުންވެސް ސިއްހީ ސަބަބުތައް ދައްކައި މެޑިކަލް ލިޔުންތައް ހުށަހަޅައިގެން އޭނާވަނީ ޝަރީއަތަށް ހާޒިރުނުވެ އެތައް ދުވަހެއް ވޭތުކޮށްފައެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ފެނަކައިގެ ބްރާންޗުތަކުގައި ސީސީޓީވީ ކެމެރާ އަދި ވީޑިއޯ ކޮންފަރެންސް ސިސްޓަމްތައް ގާއިމުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މައްސަލައިގައިވެސް ދީނާގެ މައްޗަށް ދައުލަތުންވަނީ ދައުވާ އުފުލާފައެވެ.

އެ މައްސަލައިގެ ޝަރީއަތްވެސް ކުރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.