އިންޑިއާގެ ސުޕްރީމް ކޯޓުން ބަލަމުން އަންނަ ޗެކް ބައުންސް މައްސަލައަކާ ގުޅިގެން، މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން 2 ކްރޯޑް ރުޕީސް ކޯޓަށް ޖަމާކުރުމަށް ބޮލީވުޑްގެ އެކްޓަރު ރާޖްޕާލް ޔާދަވްއަށް އަންގައިފިއެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޯޓަށް ހާޒިރުވެ ރާޖްޕާލް ވަނީ 1.15 ކްރޯޑް ރުޕީސްގެ ޑިމާންޑް ޑްރާފްޓެއް ހުށަހަޅައިފައެވެ. ބާކީ އޮތް 85 ލައްކަ ރުޕީސް ދައްކާނީ އޭނާގެ އާއިލީ ގޯއްޗެއް ގަންނަން ހަމަޖެހިފައިވާ ފަރާތަކުން ކަމަށް އޭނާގެ ވަކީލުން ބުނެފައިވެއެވެ.

މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު ވަނީ ރާޖްޕާލް 2012 ވަނަ އަހަރު ޑައިރެކްޓްކުރި ފިލްމު "އަޓާ ޕަޓާ ލާޕަޓާ" އަށް އިޝާރާތްކުރައްވައި ސަމާސާކުރައްވައިފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، އޭނާގެ ފިލްމެކޭ އެއްފަދައިން ފައިސާ ވެސް ވަނީ ގެއްލިފައެވެ.

ކޯޓުގައި ވާހަކަދައްކަމުން ރާޖްޕާލް ބުނީ ފާއިތުވި 13 އަހަރުގެ ތެރޭގައި އޭނާއަށް 200 ކްރޯޑާއި 250 ކްރޯޑް ރުޕީސްއާ ދެމެދުގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި "އަތާ ޕަތާ ލާޕަތާ" އާ ގުޅިގެން އެކަނި ވެސް 17 ކްރޯޑް ރުޕީސްގެ ގެއްލުންވި ކަމަށް އޭނާ ފާހަގަކުރިއެވެ.

މި މައްސަލައަކީ 2010 ވަނަ އަހަރު އެ ފިލްމު ހެދުމަށް މުރްލީ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑުން ނެގި 5 ކްރޯޑް ރުޕީސްގެ ލޯނަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ. ފައިސާ ދެއްކުމަށް ދިން ޗެކްތައް ބައުންސްވުމާ ގުޅިގެން ދިއްލީ ހައިކޯޓުން ވަނީ ރާޖްޕާލް ތިން މަހަށް ޖަލަށް ލުމަށް ކުރިން ހުކުމްކޮށްފައެވެ. މިހާރު ސުޕްރީމް ކޯޓުން ބަލަމުންދަނީ އެ ހުކުމް އިސްތިއުނާފު ކުރުމަށް އޭނާ ހުށަހެޅި މައްސަލައެވެ.