އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް އަސްކަރީ ހައްލެއް ނެތް ކަމަށާއި، ނަމަވެސް ހަމަލާ ދީފިނަމަ ހަނގުރާމައަށް އީރާން އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އާދީއްތަ ދުވަހު ތެހެރާންގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. އަރަގްޗީ ވިދާޅުވީ މި މައްސަލައަށް “އަސްކަރީ ހައްލެއް ނެތް” ކަމަށާއި، އަދި އާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްޗަށް ބިނާވެފައިވާ ހައްލެއް ވެސް ނެތް ކަމަށެވެ. ހަނގުރާމަ ނިމުމަކަށް ގެނެވޭނީ އިންސާފުވެރިކަމާއެކު ކުރެވޭ މަޝްވަރާތަކަކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމެރިކާއިން އަސްކަރީ ކުރިމަތިލުމަކަށް ދާން ނިންމައިފިނަމަ، އީރާނުން ދޭ ރައްދު ކުރިއަށްވުރެ ވަރުގަދަވާނެ ކަމަށާއި، ގައުމު ދިފާއުކުރުމަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ ކުރިން އެމެރިކާގެ އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވެސް އަރަގްޗީ ވަނީ، ޑިޕްލޮމެސީއަށް ޖާގަ އޮތް ނަމަވެސް، އެމެރިކާއިން ހަމަލާތައް އަލުން ފަށައިފިނަމަ “ބޮޑު ހަނގުރާމައަކަށް” ދާން އީރާނުން ފަސްނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ހާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން އީރާނުން ހުށަހެޅި ހަތް ދުވަހުގެ ސުލްހައިގެ ހުށަހެޅުމެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދާދި ފަހުން ގަބޫލުނުކުރައްވައި އަނބުރާ ފޮނުވާލައްވައިފައެވެ. އދ. ގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް ވިދާޅުވި ގޮތުގައި، އީރާނުގެ ހުށަހެޅުން އެމެރިކާއިން ގަބޫލު ނުކުރީ އީރާނުގެ ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމަށް އެ ގައުމުން ޝަރުތުކޮށްފައިވާތީއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށި މި ހަނގުރާމައިގައި، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައިވާއިރު، އީރާނުން އަންނަނީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރަށް ހަމަލާދެމުންނެވެ. މި މައްސަލަ ހައްލުކުރުމަށް ޖޫން މަހު ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، ހޮރުމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ އެ އެއްބަސްވުން ވަނީ ރޫޅިފައެވެ.