ކެފޭއެއްގައި ކޮފީއެއް ބޯން އިންނަ ވަގުތު، ނުވަތަ ކާރެެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުންނަ ވަގުތު، ސިއްރުސިއްރުން އަންހެން ކުދިންނާ ދިމާއަށް ބަލާ ފިރިހެނުން މަދެއް ނޫނެވެ. މިފަދަ ފިރިހެނުންނަށް ހީވެފައި އޮންނަނީ، ސީދާ ހަތަރުކަޅި ހަމަނުކޮށް، ނުވަތަ ލޮލުގެ ކަނަކުން ބަލައިލުމުން، ނުވަތަ ފޯނާ ކުޅެން އިންނަ ކަމަށް ހަދައިގެން ބެލުމުން އެކަން އަންހެން ކުއްޖާއަށް ނޭނގޭނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ސީދާ ނަޒަރު ދިމާވެފައި ނެތް ނަމަވެސް، މީހަކު ތިމާއާ ދިމާއަށް ބަލާކަން ނުވަތަ ލޯ އަޅާކަން ގިނަ އަންހެނުންނަށް ވަރަށް ފަސޭހައިން ފާހަގަވެއެވެ. މިއީ ހަމައެކަނި އިހުސާސެއް ނޫނެވެ. މީގެ ފަހަތުގައި ސައިންސާއި ނަފްސާނީ ގިނަ ސަބަބުތަކެއް ވެއެވެ. އަންހެނުންނަށް މިކަން ފާހަގަވަނީ ކިހިނެއް ހެއްޔެވެ؟ އަދި މިއީ އަންހެނުންގެ ކިބައިގައި ހުންނަ ހާއްސަ ސިފައެއް ހެއްޔެވެ؟
ދިރާސާތަކުން ދައްކާ ގޮތުގައި، މީހަކު ތިމާއާ ދިމާއަށް ބަލާކަމުގެ އިހުސާސްވުމަކީ އިންސާނުންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. ނަފްސާނީ އިލްމުވެރިން ޔޫރަޕާއި އެމެރިކާގައި ކުރި ސާވޭތަކުން ދައްކާ ގޮތުގައި، 70 އިންސައްތައާއި 97 އިންސައްތައާ ދެމެދުގެ މީހުންނަށް މިފަދަ ތަޖުރިބާތައް ކުރެވިފައިވެއެވެ. މީގެ ތެރެއިންވެސް، ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް މިކަން އިހުސާސް ކުރެވެއެވެ. އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކުގައި ކުރި ދިރާސާއަކުން އެނގޭ ގޮތުގައި، 81 އިންސައްތަ އަންހެނުންނަށް މީހަކު ބަލާކަން އިހުސާސް ކުރެވޭއިރު، މި ނިސްބަތް ފިރިހެނުންގެ ތެރޭގައި އުޅެނީ 74 އިންސައްތައިގައެވެ. މިކަން އެންމެ ގިނައިން ދިމާވަނީ މަގުމަތީންނާއި އާންމު ތަންތަނުންނެވެ.
ބައެއް އަންހެނުންނަށް މިކަން ފާހަގަވުމުން، އެކަން ކުރާ މީހަކާ ދިމާއަށް ސީދާ ބުނެ، ނުރުހުން ފާޅުކުރެއެވެ. ނުވަތަ އެމީހަކާ ދިމާއަށް ކަޅިއަޅައިލުމަށްފަހު އެތަނަކުން ދުރަށް ދެއެވެ. އަނެއްބައި އަންހެނުން، އެކި ސަބަބުތަކާ ހެދި އެކަން ސިއްރުކޮށް، ނުވަތަ ނޭނގޭ ކަމަށް ހަދައިގެން އަޅައިނުލައި ތިބެއެވެ. މީގެ މައިގަނޑު ސަބަބަކީ މުޖުތަމައުގެ ތެރޭގައި މައްސަލައެއް އުފެދިދާނެތީ، ނުވަތަ އެމީހެއްގެ ރައްކާތެރިކަމާމެދު ބިރުގަންނާތީއެވެ. ނަމަވެސް އަޅައިނުލާ ހުރުމަކީ އެކަން ނޭނގޭކަމުގެ ހެއްކެއް ނޫނެވެ. ގިނަ ފަހަރަށް އަންހެނުން އަޅައިނުލައި ތިބެނީ، އެ ހާލަތުން ސަލާމަތްވުމަށްޓަކައި އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށް ފެންނާތީއެވެ.
މީހަކު ބަލާކަން މިހާ ފަސޭހައިން އެނގެނީ ކީއްވެގެން ހެއްޔެވެ؟ މިއީ ހަމައެކަނި "ހަވަނަ ހިއްސު" ނުވަތަ އަންހެނުންގެ ކިބައިގައި ހުންނަ ހާއްސަ ސިފައެއް ނޫނެވެ. މިއީ އިންސާނާގެ ސިކުނޑިއާއި ލޮލުގެ އޮނިގަނޑު އުފެދިފައިވާ ގޮތުން މެދުވެރިވާ ސައިންސާ ގުޅިފައިވާ ކަމެކެވެ. އިންސާނާގެ ލޮލުގެ ކަޅުކަޅީގެ ވަށައިގެންވާ ހުދުބައި (ސްކްލެރާ) އަކީ އެހެން ޕްރައިމޭޓުންނާ ހިލާފަށް ވަރަށް ފާޅުކަން ބޮޑުކޮށް ފެންނާން ހުންނަ ބައެކެވެ. "ކޯޕަރޭޓިވް އައި ހައިޕޮތިސިސް" ގައި ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، އިންސާނުންގެ ލޯ މިގޮތަށް އުފެދިފައިވަނީ އެކަކު އަނެކަކާ މުއާމަލާތް ކުރުމަށާއި، އަނެކާ ބަލަނީ ކޮން ދިމާއަކަށްކަން ފަސޭހައިން ދެނެގަތުމަށެވެ. މީގެ ސަބަބުން، މީހެއްގެ މޫނަށް ސީދާ ނުބެލި ނަމަވެސް، އެމީހެއްގެ ލޮލުގެ މިސްރާބު ހުރި ގޮތް ދެނެގަތުމަކީ އިންސާނުންނަށް ވަރަށް ފަސޭހަ ކަމެކެވެ.
މީގެ އިތުރުން، އިންސާނާގެ ސިކުނޑީގައިވާ "އެމިގްޑަލާ" އާއި "ސުޕީރިއާ ޓެމްޕޯރަލް ސަލްކަސް" އަކީ އެހެން މީހުންގެ ނަޒަރު ހުންނަ ގޮތް މިލިސިކުންތުކޮޅެއްގެ ތެރޭގައި ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ދެ ގުނަވަނެވެ. އެމިގްޑަލާއަކީ ނުރައްކާތައް ދެނެގަތުމަށް ސިކުނޑީގައިވާ މައި މަރުކަޒެވެ. އެހެންކަމުން، ސީދާ ކުރިމަތިން ނުބެލި ނަމަވެސް، ޕެރިފެރަލް ވިޝަން (ލޮލުގެ ކަނުން ފެންނަ ފެނުން) މެދުވެރިކޮށް، މީހަކު ބަލާކަން ސިކުނޑިއަށް ވަރަށް އަވަހަށް ނަގައިގަނެވެއެވެ. މިއީ އިންސާނާގެ ނަސްލު ދެމެހެއްޓުމަށްޓަކައި، ނުރައްކާތަކުން ސަލާމަތްވުމަށް އުފެދިފައިވާ ގުދުރަތީ ނިޒާމެކެވެ. މީހަކު ތިމާއާ ދިމާއަށް ބަލާކަން އިހުސާސްވުމާއެކު، ސިކުނޑިން އެކަން ތަރުޖަމާކުރަނީ ސަމާލުވާން ޖެހޭ ކަމެއްގެ ގޮތުގައެވެ.
ބަލައިލުމާއި ލޯ އެޅުމާ ދެމެދު ވަރަށް ބޮޑު ތަފާތެއް ވެއެވެ. މީހަކާ ދިމާއަށް ޝައުގުވެރިވެގެން ބަލައިލުމަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމެއް ނަމަވެސް، އެމީހަކަށް އުނދަގޫވާ މިންވަރަށް، ނުވަތަ ބިރުގަންނަ މިންވަރަށް ހުއްޓިނެތި ބެލުމަކީ ފުރައްސާރައެކެވެ.
2025 ވަނަ އަހަރު އޮސްޓްރޭލިއާގެ އެޑިތު ކޯވަން ޔުނިވަސިޓީގެ ޑރ. ރޮސް ހޮލެޓް އިސްވެ ހުންނަވައި ކުރެއްވި ދިރާސާއަކުން ދެއްކި ގޮތުގައި، އަންހެނުންގެ މޫނަށް ބެލުމުގެ ބަދަލުގައި، ހަށިގަނޑަށް ގިނައިރު ވަންދެން ބަލާ ފިރިހެނުންގެ ކިބައިގައި ޖިންސީ ގޯނާކުރުމުގެ ނުރައްކާތެރި ވިސްނުންތައް ހުރުން ގާތެވެ. އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ މީހުންނަކީ އަންހެނުންނަށް އިހުތިރާމު ކުޑަ، އަދި ގޯނާކުރުމަށް މަގުފަހިވާ ފަދަ އަމަލުތައް ހިންގުމުގެ ފުރުސަތު ބޮޑު ބައެކެވެ.
މީގެ އިތުރުން، ހުއްޓިނެތި މީހަކު ބަލާކަން އިހުސާސްވުމަކީ އަންހެނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ. ނަފްސާނީ މާހިރުން ފާހަގަކުރާ ގޮތުގައި، މިގޮތަށް ބެލުމުގެ ސަބަބުން އަންހެނުންގެ ސިކުނޑިއަށް ނުރައްކަލުގެ ސިގްނަލްތައް ފޮނުވައި، ސްޓްރެސް ހޯމޯން ކަމަށްވާ ކޯޓިސޯލް އިތުރުކުރުވައެވެ. މީގެ ސަބަބުން ހާސްވުމާއި، އަމިއްލަ ނަފްސާމެދު އޮންނަ އިތުބާރު ކުޑަވުމާއި، ބޭރަށް ނުކުމެ އުޅެން ޖެހިލުންވުން ފަދަ ކަންކަން މެދުވެރިވެއެވެ. މިއީ ހަމައެކަނި ވަގުތީ އުނދަގުލެއް ނޫނެވެ. މިއީ ދިގު މުއްދަތަކަށް މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމެކެވެ.
އެހެންކަމުން، އަންހެން ކުއްޖަކާ ދިމާއަށް ބަލާހިތްވި ނަމަވެސް، އެންމެ ރަނގަޅު ގޮތަކީ އިހުތިރާމާއެކު، އެކުއްޖަކަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމެވެ. ޝައުގުވެރިކަން ފާޅުކުރަން ބޭނުންނަމަ، ހިނިތުންވެލުމާއެކު ކުޑަ ވަގުތުކޮޅަކަށް ހަތަރުކަޅި ހަމަކޮށްލުން ފުދެއެވެ. ނަމަވެސް އަނެކާ އެކަމަށް ތަރުހީބު ނުދޭނަމަ، ނުވަތަ ނުރުހުންވާކަން އެނގޭނަމަ، ވަގުތުން އެކަން ހުއްޓާލަން ޖެހޭނެއެވެ. ސިއްރުން ބެލިޔަސް ނޭނގޭނެކަމަށް ހީކުރުމަކީ ކުށްހީއެއްކަން ގަބޫލުކޮށް، މިފަދަ އަމަލުތަކުގެ ސަބަބުން އަނެކާއަށް ކުރިމަތިވާ ނަފްސާނީ އުނދަގޫތަކާމެދު ވިސްނައި، އަމަލުތައް ބައްޓަންކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ.
ބެންކޮކް
ބެންކޮކް
ރައީސް އޮފީސް
ކޮމެންޓް