ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލޭގައި ހިންގާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މިހެން ވިދާޅުވީ، މި މަޝްރޫއާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ދެއްވި ނުސީދާ ރައްދެއްގެ ގޮތުގައެވެ.

މި މަޝްރޫއަށް ސަރުކާރުން އެއްވެސް ސޮވެރިން ގަރަންޓީއެއް ނުދޭނެ ކަމަށާއި، ސަރުކާރުން ލޯނެއް ނުނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޓެކްސްގެ އެއްވެސް ލުޔެއް ނުވަތަ ޑިއުޓީ މާފުކުރުމެއްވެސް މި މަޝްރޫއުގެ ދަށުން ނޯންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކާލާ ކަމަށް ބުނެ ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، އެތަނުގެ ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް ކަމަށެވެ. ކުރީގެ ސަރުކާރެއްގައި ގާނޫނުއަސާސީ ބަދަލުކޮށްގެން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ހެދި ނަމަވެސް، ފަހުން އެކަން ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައި، ގާނޫނުއަސާސީއާ ހިލާފަށް ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖެއިން ބިން މިލްކުނުކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. "މިލްކު ނުވެ، މިތަނަށް ގެނެވެންއޮތް އެންމެ ގިނަ އިންވެސްޓްމަންޓް ގެންނަން އަޅުގަނޑު ބޭނުންވަނީ،" ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކުރިން ގޯތި ދީފައިވާ އެއްވެސް މީހެއްގެ ގޯތި ކެންސަލް ނުކުރާނެ ކަމަށެވެ. އަދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް އެނަލައިޒްކޮށް ނިމުމުން، ގޯތި ލިބެންޖެހޭ ހުރިހާ އެންމެންނަށް ގޯތި ދެވޭނެ ކަމަށާއި، ފްލެޓް އަޅަންޖެހޭ ޖާގަވެސް ރަސްމާލޭގައި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ބޭރުގެ އިންވެސްޓަރުން މުޅި މަޝްރޫއު ނިންމަން 10 އަހަރު އަންދާޒާކުރި ނަމަވެސް، ރަސްމާލޭގެ ފެނާއި ނަރުދަމާ އަދި ކަރަންޓާއި މަގުހެދުމުގެ މަސައްކަތް އެއަށްވުރެ މާ ކުރިން ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މިއަހަރު ތެރޭގައި ބިން ހިއްކާ ނިމުމާއެކު ޔޫޓިލިޓީސް މަސައްކަތްތައް ބަޔަކާ ހަވާލުކޮށްގެން ފައްޓަވާނެ ކަމަށާއި، އަމާޒަކީ ގޯތި ލިބޭ ފަރާތްތަކަށް އިމާރާތްކުރަން ފެށޭނެ މަގުފަހިކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ޖީޑީޕީ މަތީ ހަރުފަތަކަށް ގެންގޮސްދީ، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދޭނެ މަޝްރޫއެކެވެ. ރާއްޖެއަށް ފައިދާހުރި މިފަދަ ކަންކަމަށް ހުރަސްއަޅަން މަސައްކަތްކުރާ ފަރާތްތަކަކީ ގައުމީ ވިސްނުމެއް ނެތް ބައެއް ކަމަށް ސިފަކުރައްވައި، އެފަދަ ފަރާތްތަކަށް މި މަޝްރޫއު ހުއްޓުވައި ނުލެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރަސްމާލޭގެ އިތުރުން، ގުޅިފަޅާއި ގިރާވަރުފަޅުގެ އިންފްރާސްޓްރަކްޗާ މަސައްކަތްތަކަށްވެސް ސަރުކާރުން އިސްކަންދޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަގުތައް ބޮޑުވުމުގެ ސަބަބުން ގިރާވަރުފަޅު ހިއްކުން މަޑުޖެހިފައި އޮތުމަށްފަހު، މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށާއި، ގުޅިފަޅުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.