މިމަހު 23 ވަނަ ދުވަހު އީރާނުގެ ހުރިހާ އެއާލައިންތަކެއްގެ އޮޕަރޭޝަންތައް ހުއްޓާލާނެ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅޭގޮތުން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބަޔާނެއް ނެރެފިއެވެ.

އެ ޑިޕާޓްމަންޓުން ބުނި ގޮތުގައި، ސެޕްޓެންބަރު 23 ގައި އީރާނުގެ ހުރިހާ މަދަނީ އުދުހުންތަކެއް ހުއްޓުމަކަށް އަންނާނެ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނީ އޮޅުމަކުންނެވެ. ޓްރެޝަރީން ފާހަގަކުރި ގޮތުގައި، އެމެރިކާއިން އަލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ހަމައެކަނި އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ވަކި އެއާލައިންތަކަކަށެވެ.

މި ފިޔަވަޅުތައް ތަންފީޒުކުރާނެ ގޮތުގެ ތަފްސީލު ދެމުން ޓްރެޝަރީން ބުނީ، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެމެރިކާގެ ކުންފުނިތަކަށް އީރާނުގެ ކަނޑައެޅިފައިވާ އެއާލައިންތަކަށް އެއްވެސް ބާވަތެއްގެ ހިދުމަތެއް ދިނުން މަނާވާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ތެރެއިން އެ ކުންފުނިތަކަށް މުއާމަލާތްކުރުމަށް ހުރަސްއެޅޭނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބޭނުންކޮށްފައިވާ އިބާރާތަށް ބަލާއިރު، ފިޔަވަޅުތައް އެޅުމުގެ މައިގަނޑު މަގުސަދަކީ “އީރާނުން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމަށް ބޭނުންކުރާ ވިއުގަތައް ހުއްޓުވުން” ކަމަށް ބުނެފައިވެއެވެ.

އީރާނުގެ އެއާލައިންތަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވާއިރު، ވިލާތުގެ ބައެއް ގައުމުތަކުން ވެސް ވަނީ އީރާނުގެ ގައުމީ އެއާލައިން، އީރާން އެއާއަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފައެވެ. މި މައްސަލައާ ގުޅިގެން އީރާނުގެ ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.