ސިޔާސީ ގޮތުން ކޮންމެ މީހަކު ކޮންމެ ފިކުރެއް ގެންގުޅުނު ކަމުގައިވިޔަސް، އަދި އެ ފިކުރަކަށް މަސައްކަތް ކުރި ނަމަވެސް، އަބަދުވެސް އެންމެ ފުރަތަމަ އިސްކުރަންވާނީ ގައުމުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ މާޒީގެ އަބްތާލުން ޖިހާދުތައް ކުރީ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ކަމަށެވެ. އަބްތާލުން އެންމެ ފުރަތަމަ އިސްކޮށްފައިވަނީ އަމިއްލަ މަސްލަހަތެއް ނުވަތަ އާއިލާ އަދި ރަހުމަތްތެރިން ނޫންކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެހެންކަމުން، މިއަދު އަޅުގަނޑުމެންނަށް ފަސޭހަކަމާއެކު ރާއްޖޭގައި އުޅެވެނީ އެ ބޭފުޅުން ގައުމު އިސްކުރުމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"މި ޕާޓީގެ ފިކުރަކީ އެންމެ ފުރަތަމަ ގައުމުކަމުގައި ކަނޑައެޅީ އަޅުގަނޑުމެން އެހެންވެގެން. އަޅުގަނޑުމެންނަކީ އިހުލާސްތެރިން. އަޅުގަނޑުމެންނަކީ ﷲ އަޅުގަނޑުމެންނަށް މި ދެއްވާފައިވާ ބުއްދި ނިއުމަތް ބޭނުންކޮށް އަޅުގަނޑުމެންނާ އެކަލާގެ މަތިކުރައްވާފައި މިއޮތް ޒިންމާ އިހުލާސްތެރިކަމާއެކީގަ އަދާކޮށް، އަންނާނަން އޮތް ޖީލުތަކަށްވެސް އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން މި ގައުމު ފޯރުކޮށްދޭނެ ބަޔަކަށް ވާތީ އެއީ އަޅުގަނޑުމެން އެންމެ ފުރަތަމަ ގައުމު ހިޔާރުކުރި ސަބަބަކީ" ރައީސް ވިދާޅުވެފައިވެއެވެ.

"އެހެންވީމާ، މި ޕާޓީ ކުރިއަށްދާނީ އެ ފަލްސަފާގަ. މި ޕާޓީގެ ތެރޭގައި މިކަމުގަ ހިޔާލުތަފާތުވުމެއް ނެތް. އެހެންވީމާ އެހާ ބަދަހީ މި ސަފުތައް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ނެތީ ބައިބައިވުމެއް"

ޕީއެންސީގެ ފިކުރު ނޫން ބަޔަކަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު މި ގައުމު ފަނާވެގެން ދިޔަ ކަމަށާއި، ގައުމަށް ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މި ސަރުކާރުން ކޮންމެ ދުވަހަކުވެސް ހިޔާރު ކުރާނީ ރައްޔިތުންގެ ފަޅިކަމަށާއި، ސަރުކާރު ހިންގާނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން ކުރިއަށް ދާނީ ބިނާކުރުމުގެ ފިކުރުގައި އަދުލުވެރިކަމާ އެކު އިންސާފާ އެކު އިހްލާސްތެރިކަމާ އެކު އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް. އަޅުގަނޑުމެން ބޭނުން ވަނީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރަން،" ރައީސް ވިދާޅުވެފައިވެއެވެ.

ގައުމީ ލޯބީގައި ވާހަކަ ދެއްކޭނެ ހަމައެކަނި ޕާޓީއަކީ ޕީއެންސީކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ޕީއެންސީއަކީ ރައްޔިތުންނަށް ވައުދުވެ، އެ ވައުދުތައް ފުއްދާ ޕާޓީއެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން މިހާރު ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ދަނީ ސަރަހައްދީ ގައުމުތަކާއެކު ގާތްގުޅުމެއް ބާއްވަމުން ކަމަށާއި، ނަމަވެސް އަބަދުވެސް އިސްކުރާނީ ގައުމީ ފިކުރުކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ޕީއެންސީއާ ވާދަވެރި ފަރާތްތަކުގެ ވެރިކަމުގައި ރާއްޖެ ދަރުވާލުމުގެ އިތުރުން ގައުމުގެ ހަރުމުދާތައްވެސް ވިއްކާލާފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖެ ދަރަނިން ސަލާމަތްކޮށް، ހަރުމުދާތައް އަނބުރާ ހޯދަންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"އެންމެ ފުރަތަމަ ގައުމުގެ ވިންދު ހިތުގައި ޖަހާ މީހަކު ދިވެހިންގެ ހަރުމުދާތައް ދިވެހިންގެ އަތްމައްޗަށް ގެންނަން މަސައްކަތް ކުރާ ބަޔަކަށް އެއްބާރުލުން ދޭނީ. އެއީ ޕީއެންސީގެ ފިކުރާއި އެހެން މީހުންނާ ތަފާތަކީ،" ރައީސް ވިދާޅުވެފައިވެއެވެ.