ދެ ތިޖޫރި ވަގަށް ނެގުން ހިމެނޭހެން ހަތަރު މައްސަލައެއްގައި މީހަކު 55،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލަތަކުގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ، ގ. ތަލްވާރުގޭ އަބްދުﷲ އަޒާން މަޖީދުގެ މައްޗަށެވެ.

އިތުރު މީހަކާއެކު މާލޭގެ ހަދީބީ މަގުގައި ހުންނަ ލިންކް ސާވް ރެޑްބޮކްސް އޮފީހުގެ ބޭރު ދޮރު ދަތް ދަގަނޑެއް ބޭނުންކޮށްގެން ހަލާކުކޮށްލައި، އެ ތަނުގެ އޮފީހުން ދެ ތިޖޫރި ވަގަށް ނެގުމަށްފަހު އެ ދެ ތިޖޫރި ހަލާކުކޮށްލާފައިވާ މައްސަލަތަކުގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ހަތަރު ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އެތަން ހަލާކޮށްލައިގެން ވަދެ ދެ ތިޖޫރި ނަގައި ހަލާކުކޮށްލާފައިވާތީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އާއި ވެރިފަރާތުގެ ހުއްދަނެތި އެތަނަށް ވަދެފައިވާތީ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި އެތަނުން ދެ ތިޖޫރި އާއި ކަޅު ކުލައިގެ ޓެބްލެޓަކާއި ކަޅު ކުލައިގެ އައިފޯން އެކްސް އަކާއި ނޮން ބްރޭންޑްގެ ސަމާޓް ގަޑިއެއް ވަގަށް ނަގާފައިވާތީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން މަސްތުވުމަށް ބަނގުރާ ބޭނުންކުރާތާ ހަ އަހަރު ވެދާނެ ކަމަށްބުނެ އިއުތިރާފުވެފައިވާތީ، ބަނގުރާ ބުއިމުގެ ކުށުގެ ދައުވާވެެސް އޭނާގެ މައްޗަށް ކުރިއެވެ.

މި ހުރިހާ ދައުވާތަކާ ގުޅިގެން އޭނާ ވަނީ ޕީޖީ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުން ހަދައިފައެވެ.

އެހެންކަމުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާގައި 2،600 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ތިން މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ ހުކުމްކޮށްފައެވެ. އަދި ވައްކަން ކުރުމުގެ ދައުވާ ސާބިތުވެފައިވާތީ، 41،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ ހުކުމްކޮށްފައެވެ.

ވެރިފަރާތުގެ ހުއްދަ ނެތި އެތަނަށް ވަދެފައިވާތީ ކުރި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނަމުގެ ކުށުގެ ދައުވާގައި 10،800 ރުފިޔާއިން ޖޫރިމަނާކޮށް ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ހުކުމްކޮށްފައިވާ އިރު، ބަނގުރާ ބޮއިގެން 600 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ ހުކުމްކޮށްފައެވެ.