އެ މަނިކުފާނަށް އޮންނަ ސިޔާސީ ތާއީދު ގެއްލުނު ނަމަވެސް، ގައުމަށް ފައިދާހުންނަ ކަންކަން ކުރިއަށް ގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި މިރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި އިސްކުރަނީ އިހުލާސްތެރިކަމާއި އަދުލުވެރިކަން ކަމަށެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ އުފެދިފައިވާތާ އެތަކެއް އަހަރެއް ވެފައިވާ ކަމަށާއި، އަދި ގޭންގުތައް އުފެދުނީވެސް މި ސަރުކާރު އައި ފަހަކުން ނޫން ކަމަށެވެ. ރާއްޖޭގައި ގަވާއިދާހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ އުފެދުނީ އިއްޔެއަކު ނޫނީ މިއަދަކު ނޫންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މައްސަލަތަކަކީ 20 -30 އަހަރު ކުރިން އުފެދި ބޮޑުވަމުން އައި މައްސަލަތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ކުރީގެ އެއްވެސް ސަރުކާރެއްގައި އެކަންކަމާ ދެކޮޅަށް މަސައްކަތް ކޮށްފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ ހަވާލުވި ފަހުން މި ތިން ވަރަކަށް އަހަރު ހަމަވާން މިދަނީ. ދެ އަހަރާއި 10 މަސް މިވީ އިއްޔެ. ވީއިރުގަ މި ތިން މައްސަލައިގަވެސް ޑްރަގް މައްސަލައާ، ގޭންގުތަކުގެ ކުށް ކުރުމުގެ މައްސަލައާ، ބޭރު މީހުންގެ މައްސަލަ ކިހާ ވަރަަކަށްތޯ ހައްލުކޮށްފަ އޮތީ. އެކަންކަމަށް ދާއިމީ ހައްލެއް ގެނައުމަށް ކިހާވަރަކަށްތޯ މަސައްކަތް ކުރީ" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން އެ ތިން މައްސަލައިގައިވެސް ކޮށްފައިވާ މަސައްކަތްތައް ތަފާސްހިސާބުތަކުންވެސް ސާބިތުވާން ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަގުމަތިންވެސް ފެންނާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިއަށްދާނީ ބިނާކުރަނިވި ފިކުރުގަ އަދުލުވެރިކަމާއެކީގަ، އިންސާފާ އެކީގަ އިހްލާސްތެރިކަމާއެކީގަ، އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން، ގައުމުގެ ހުރި މައްސަލަތައް ހައްލުކުރުމާއިގެން. އަޅުގަނޑުމެން ބޭނުންވަނީ ގައުމުގައިހުރި މައްސަލަތައް ހައްލުކުރަން. އެކަމުގެ ސަބަބުން ބައެއް ފަހަރު ސިޔާސީ ގޮތުން ވިސްނާ، ހަމައެކަނި ސިޔާސީ ގޮތުން ވިސްނާ ފަރާތްތަކުން އެ ތާއީދު ކޮންމެވެސް ވަރަކަށް ގެއްލިދާނެ. އެހެންނަމަވެސް އެއީ އަޅުގަނޑު ފަރުވާލެއް ބަހައްޓާކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.