ކުރީގެ ވެރިންތައް ކޮރްޕްޝަނާ ދެކޮޅުކަން ހާމަކުރަނީ ހަމައެކަނި ދައްކާ ވާހަކަތަކުން ކަމަށާއި، ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި މިރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން ކަމަށެވެ.
"އަބަދުވެސް ރާއްޖޭގެ ކޮރަޕްޝަންގެ ވަބާ އޮވޭ. އެއްޒަމާނެއްގެ އެފްޕީއައިޑީގެ ބޮޑު ވައްކަން، ދެން އައި ޒަމާނެއްގެ އެމްއެމްޕީއާރްސީގެ ބޮޑު ވައްކަން، މިކަންކަން ކުރި. ދެން އައި ޒަމާނެއްގަ ވެންޓިލޭޓަރު ވައްކަން. ވައްކަންކުރީ މުޅިންވެސް، ކޮރަޕްޝަން ހެސްކިޔާފަ. ދެން މި ފައިސާތައް ހޯދާކަށް އެއްވެސްކަމެއް ނުކުރޭ. އެކަމަކު ދުލުން ޒީރޯ ޓޮލެރެންސް، ދުލުން ވައްކަމާއި ދެކޮޅު. އެކަމަކު އަަމަލުން އެއާ އިދިކޮޅު" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު މުޅިން ތަފާތުވާނެ ކަމަށެވެ. ސަރުކާރުގެ ފަރާތުން މިހާރުވަނީ އެސެޓް ރިކަވަރީ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ކަމަށެވެ.
"ބައެއް މީހުން ވަރަށް ބިރުން އުޅެނީ އެކަމާ. އެކަންކަމުގެ އަސަރު ކޮށްފާނެ ކަހަލަ ބޭފުޅުން" ރައީސް ވިދާޅުވިއެވެ.
އޭސީސީ ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލާއި، ފުލުހުންގެ ތަހުގީގުތަކުގެ ފެންވަރު މަތިކޮށް އަދި ކޯޓުތަކުގެ ހިންގުން ރަނގަޅުކުރުމުގެ އިތުރުން ޖިނާއީއިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހާއެކު ކޮރަޕްޝަން އެއްކޮށް ނައްތާލާނެކަަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކޮރަޕްޝަނަށް މިހާރު ހުރި ދޮރުތައް ބަންދުކުރުމުގެ ގޮތުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއިރުން ވަކި މީހަކަށް ވަކިކަމެއް ކޮށްދިނުމަށް ދަތިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް 2.0 އަކީ ކޮރަޕްޝަނާ ދެކޮޅަށް އަޅާ ވަރުގަދަ ފިޔަވަޅެއް ކަމަށާއި، ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެއްޔާ ކޮރަޕްޝަން އެއްކޮށް ނައްތާލެވޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް