ގައުމު ބިނާކުރުމުގެ ފިކުރު ގެންގުޅޭ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށާއި، ދެން މުޅިންވެސް ތިބީ ގައުމު ފަނާކުރާ ފިކުރަތައްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި މިރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޒީގެ ލިބިދޭ ތަޖުރިބާއަކީ ޕީއެންސީގެ ފިކުރު ނޫން ބަޔަކަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު މި ގައުމު ފަނާވެގެން ދިޔުން ކަމަށެވެ. ގައުމަށް ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުންކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ކޮންމެ ދުވަހަކުވެސް ހިޔާރު ކުރާނީ ރައްޔިތުންގެ ފަޅިކަމަށާއި، ސަރުކާރު ހިންގާނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރިއަށް ދާނީ ބިނާކުރުމުގެ ފިކުރުގައި އަދުލުވެރިކަމާ އެކު އިންސާފާ އެކު އިހްލާސްތެރިކަމާ އެކު އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް. އަޅުގަނޑުމެން ބޭނުން ވަނީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރަން،" ރައީސް ވިދާޅުވިއެވެ.
"ފިކުރީގޮތުން ދިމާ އިދިކޮޅު ފަނާކުރުވަނިވި ފިކުރުން ގައުމު ހިންގި ކޮންމެފަހަރަކު އިސްކުރީ ގައުމެއް ނޫން. ބައެއް ފަހަރު ދީނާ ހިލާފުކަންކަން ހިނގާފައި އެބަހުރި. ސައްތަން ސައްތައިން ސައްތަ އިސްލާމް ދީނުގެ ދިފާއުގައި ދިވެހިން އެއްވާންޖެހުނީ ކަންތައްތަކެއްވީމަ."
ގައުމީ ލޯބީގައި ވާހަކަ ދެއްކޭނެ ހަމައެކަނި ޕާޓީއަކީ ޕީއެންސީކަމަށް ރައީސް ވިދާޅުވިއެވެ. ޕީއެންސީއަކީ ރައްޔިތުންނަށް ވައުދުވެ، އެ ވައުދުތައް ފުއްދާ ޕާޓީއެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ދަނީ ސަރަހައްދީ ގައުމުތަކާއެކު ގާތްގުޅުމެއް ބާއްވަމުން ކަމަށާއި، ނަމަވެސް އަބަދުވެސް އިސްކުރާނީ ގައުމީ ފިކުރުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޕީއެންސީއާ ވާދަވެރި ފަރާތްތަކުގެ ވެރިކަމުގައި ރާއްޖެ ދަރުވާލުމުގެ އިތުރުން ގައުމުގެ ހަރުމުދާތައްވެސް ވިއްކާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖެ ދަރަނިން ސަލާމަތްކޮށް، ހަރުމުދާތައް އަނބުރާ ހޯދަންކަމަށް ރައީސް ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ގައުމުގެ ވިންދު ހިތުގައި ޖަހާ މީހަކު ދިވެހިންގެ ހަރުމުދާތައް ދިވެހިންގެ އަތްމައްޗަށް ގެންނަން މަސައްކަތް ކުރާ ބަޔަކަށް އެއްބާރުލުން ދޭނީ. އެއީ ޕީއެންސީގެ ފިކުރާއި އެހެން މީހުންނާ ތަފާތަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާޒީގެ އަބްތާލުން ޖިހާދުތައް ކުރީ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ކަމަށެވެ. އަބްތާލުން އެންމެ ފުރަތަމަ އިސްކޮށްފައިވަނީ އަމިއްލަ މަސްލަހަތެއް ނުވަތަ އާއިލާ އަދި ރަހުމަތްތެރިން ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، މިއަދު އަޅުގަނޑުމެންނަށް ފަސޭހަކަމާއެކު ރާއްޖޭގައި އުޅެވެނީ އެ ބޭފުޅުން ގައުމު އިސްކުރުމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް