އިސްލާމީ ޝަރީއަތުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި އަމިއްލަ ނަފުސުން ޖިހާދުތަކެއް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، މިއަދަކީ އެތައް އުފަލެއް ފާޅުކުރާ ދުވަހެކެވެ. އޭގެ ތެރޭގައި ދުނިޔެއާއި އާހިރަތުގެ އަބާއްޖަވެރިކަމުން ބާއްޖަވެރިކަމަށް ދިވެހި ކާބަފައިން ހިޖުރަކުރިކަމުގެ ޝަރަފުވެރި އުފަލާއި، ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި 900 އަހަރު ހޭދަކުރި އިއްޒަތްތެރި ޒިކުރާގެ އުފާ ހިމެނޭ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މާޒީއަށް ބަލާއިރު ދިވެހިންނަށް ލިބުނު ނަސީބު ފެންނަން އޮތް ނަމަވެސް، މިހާރުގެ ހާލަތަށް ބަލާއިރު ބައެއް ދިމަދިމާއިން ލަކުނުލައި ޒަހަމްތައް އުފެދިފައިވާތަން ފެންނަން ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން ޅަ ހިތްތަކާއި ލޯތަކާއި ކަންފަތްތަކަށް ހުށަހެޅެމުންދާ ކަންކަމުގެ ސަބަބުން އީމާންތެރިކަމުގެ ރޫހަށް ބިރުވެރި ރަނގަބީލުތަކެއް އިއްވަމުންދާ ކަމަށާއި، އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މުސްތަގުބަލަށް އަމާޒުކުރައްވައި ރައީސް ވިދާޅުވީ، އިސްލާމީ ޝަރީއަތުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި އަމިއްލަ ނަފުސުން ޖިހާދުތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މުޅި ގައުމުގެ ސަލާމަތަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން ތަސައްވުރުތަކެއް އުފައްދައި، އަމަލީ ފިޔަވަޅުތަކެއް ތަންފީޒުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަށްޓަކައި މަތިވެރި ގުރުބާނީތަކެއް ވާންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިންނަށް ލިބުނު އަދި ލިބޭނެ އެންމެ މަތިވެރި ނަސީބަކީ އިސްލާމްދީންކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެ މަނިކުފާނު ދެއްވި ނަސޭހަތަކީ، ހިތުގެ އީމާނާއި ދިރިއުޅުމުގެ އަމަލުތަކުން ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން ކަށަވަރުކުރުމަށް ކޮންމެ ދިވެހި ރައްޔިތަކުވެސް ގަދައަޅައި މަސައްކަތްކުރުމެވެ.