އިސްލާމްދީނުގެ ކުރިމަތީގައި ކޮންމެ އިންސާނަކީ ވެސް ޝަރަފުވެރިއެއް ކަމަށާއި، އިންސާނީ ކަރާމާތާއި އަބުރުވެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކޮށްދެނީ އިސްލާމްދީން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި، އިސްލާމްދީން އިންސާނާއާ މުހާތަބުކުރަނީ މާތްﷲ ހަލްގުކުރެއްވި މަހްލޫގުންކުރެ އެންމެ މާތް ޝަރަފުވެރިޔާ ނުވަތަ “އަޝްރަފުލްމަހްލޫގާތު”ގެ ނަމުންނެވެ.
އެހެންކަމުން، އިންސާނާގެ ޝަރަފާއި އިއްޒަތަށް އުނިކަމެއް އަންނާނެ ހުރިހާ ކަމެއް އިސްލާމްދީނުގައި މަނާކުރައްވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުގެ މިސާލެއްގެ ގޮތުން، މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާކަމަށް ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ހަނދާންކޮށްދެއްވިއެވެ.
ދިވެހިންގެ ތާރީހަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މީގެ 900 އަހަރު ކުރިން ރާއްޖެއަށް އައި އިސްލާމީ އިންގިލާބާއެކު ދިވެހިންނަކީ އަބުރުވެރިކަމާއެކު ދިރިއުޅެމުން އައި ބައެއް ކަމަށެވެ. ކުޑަކުދިންގެ ކަރާމާތް ދެމެހެއްޓުމާއި، އާންމުންނާއި ވެރިންގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން އުފެދުނު އިޖުތިމާއީ ހައިބަތު ބޭރު ދުނިޔެއަށް ދިވެހިން ދައްކައިދިންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއަކީ އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރުކުރާ، އަދި އެކެއްގެ ގަދަރަކީ އަނެކެއްގެ ވެސް ގަދަރުކަން ގަބޫލުކުރާ މުޖުތަމައެއް ބިނާވުންކަމަށް ވިދާޅުވިއެވެ.
އިހުގެ ދިވެހިންގެ އަމާންކަން އޮތް މިންވަރު ސިފަކުރައްވަމުން، ގޭގޭގެ މައިދޮރު ތަޅުލާން ނުޖެހުމާއި، ފިހާރަތަކަށް އަންނަ މީހުންނާ ތަޅުދަނޑި ހަވާލުކުރެވޭ މިންވަރަށް އޮތް އިތުބާރު ރައީސް ފާހަގަކުރެއްވިއެވެ. އަދި ފައިސާ ނެތް ހާލަތެއްގައި ވެސް ފޮތުގައި ލިޔެލުމަށްފަހު މުދާ ގެންދިއުމުގެ ފުރުސަތު އޮތްކަން އެ މަނިކުފާނު ވިދާޅުވިއެވެ.
އިންސާނާގެ މުދަލަށް އިސްލާމްދީނުގައި ދީފައިވާ ރައްކާތެރިކަމުގެ މައްޗަށް ވެސް ރައީސް ވާހަކަފުޅުދެއްކެވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވައްކަންކުރުމާއި، ފޭރުމާއި، ރިބާކެއުމާއި، މަކަރާއި ހީލަތް ހެދުން ފަދަ އިޖުތިމާއީ ފަސާދައިގެ ހުރިހާ އަމަލެއް އިސްލާމްދީނުގައި ވަނީ ނަހީކުރައްވަައިފައެވެ. ވައްކަމާއި ފޭރުމަކީ ހަމައެކަނި ވަގުތީ ބިރުވެރިކަމެއް ނޫން ކަމަށާއި، އެއީ މުޖުތަމައެއްގެ އިންސާނީވަންތަކަން ނެތިގޮސްފައިވާކަން އަންގައިދޭ ނުރައްކާތެރި ހާލަތެއް ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ހަލާލު ގޮތުގައި ވިޔަފާރިކޮށް ތަނަވަސްކަން ހޯދުމަށް ދީނުގައި ބާރުއަޅާކަން ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިސްލާމްދީނަކީ ހަމައެކަނި ރޫހާނީ ދީނެއް ނޫން ކަމަށާއި، އެއީ މާއްދީ އަދި އަހުލާގީ ތަރުބިއްޔަތެއް ކަމަށެވެ. އަދި އެއީ ހުރިހާ ސަލާމަތަކާއި ރައްކާތެރިކަމެއް އެކުލެވިގެންވާ މަތިވެރި އިލާހީ ނިއުމަތެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ބޮލީވުޑް
ކޮމެންޓް