ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން "އައި އެމް މޯލްޑިވްސް ސީއައިއެސް ރީޖަން ރޯޑްޝޯ" އިއުލާނުކޮށްފިއެވެ.
މި ރޯޑްޝޯއަކީ ކޮމަންވެލްތު އޮފް އިންޑިޕެންޑެޓް ސްޓޭޓްސް (ސީއައިއެސް) ސަރަހައްދުގެ މުހިންމު ތިން މާކެޓަކަށް އަމާޒުކޮށްގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރުމަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްދާނީ މިމަހުގެ 21 ގައި ރަޝިއާގެ މޮސްކޯގައާއި، މިމަހުގެ 23 ގައި ސެއިންޓް ޕީޓާސްބާގުގައި އަދި މިމަހުގެ 25 ގައި ކަޒަކިސްތާނުގެ އަލްމަޓީގައެވެ.
ވީއެމްސީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގެސްޓްހައުސް، ރިސޯޓު، ހޮޓާ، ސަފާރީ އުޅަނދުފަހަރު އަދި ޓްރެވަލް އެޖެންސީތައް ހިމެނޭހެން ޖުމުލަ 25 ކުންފުންޏަކުން 50 އަށްވުރެ ގިނަ މަންދޫބުން މި ވަފުދުގައި ބައިވެރިވާނެ ކަމަށެވެ.
މި ވަފުދުން ރާއްޖޭގެ މެހެމާންދާރީގެ ފުރިހަމަކަމާއި ލިބެންހުރި ތަފާތު ހިދުމަތްތައް ދައްކުވައިދޭނެ ކަމަށާއި މި ތިން ސިޓީން ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ނިންމުންތައް ނިންމާ ފަރާތްތައް ހިމެނޭގޮތަށް 180 އަށްވުރެ ގިނަ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުން މި ހަރަކާތްތަކުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ކަމަށް ވީއެމްސީން ބުންޏެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ރަޝިއާއިން ރާއްޖެއަށް 278,761 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 23.8 އިންސައްތައިގެ ކުރިއެރުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށްވެސް ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން މިމަހުގެ 2 ގެ ނިޔަލަށް 209,815 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއީ ޖުމުލަ ފަތުރުވެރިންގެ 14.6 އިންސައްތައެވެ.
މީގެ އިތުރުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 18,602 ފަތުރުވެރިންނާއެކު (މާކެޓް ހިއްސާގެ 1.8 އިންސައްތަ) ކަޒަކިސްތާނު އޮތީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ 11 ވަނައިގައެވެ. ސީއައިއެސް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ވައިގެ ގުޅުންތައް އިތުރުވަމުންދާ އިރު، މުޅި މެދުތެރޭ އޭޝިއާ ސަރަހައްދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ހޯދިދާނެ އުއްމީދީ ސަރަހައްދެއް ކަމަށް ވީއެމްސީން ފާހަގަކުރެއެވެ.
މި ހަރަކާތާ ގުޅޭގޮތުން އެންއެޗްޖީއޭއެމްގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ، "އައި އެމް މޯލްޑިވްސް ސީއައިއެސް ރީޖަން ރޯޑްޝޯ" އަކީ ބައިނަލްއަގުވާމީ މުހިންމު މާކެޓްތަކަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
މޮސްކޯ، ސެއިންޓް ޕީޓާސްބާގް އަދި އަލްމަޓީއަކީ ލޯކަލް އައިލެންޑް ޓޫރިޒަމަށް ފުރުސަތުތަކެއް އޮތް މާކެޓްތަކެއް ކަމަށާއި، މި އިސްނެގުމުގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަން މި މާކެޓްތަކާ ގުޅުވައިދީ، މެންބަރުންނަށް ދެމެހެއްޓެނިވި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ، ސީއައިއެސް ސަރަހައްދަކީ ރާއްޖެއަށް މުހިންމު އަދި ބޮޑު ކުރިއެރުމެއް ހޯދުމުގެ ފުރުސަތު އޮތް މާކެޓެއް ކަމަށެވެ. މިއީ އެ ސަރަހައްދުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރަށް ވަރުގަދަކޮށް، ރާއްޖެއިން ލިބެންހުރި ތަފާތު ތަޖުރިބާތައް ގިނަ ބަޔަކަށް ތައާރަފުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވީއެމްސީން ބުނީ "އައި އެމް މޯލްޑިވްސް ސީއައިއެސް ރީޖަން ރޯޑްޝޯ" އަކީ ހަމައެކަނި ވިޔަފާރި ބައްދަލުވުންތަކެއް ނޫން ކަމަށާއި މިއީ ދުރު ރާސްތާގެ ސްޓްރެޓީޖިކް މުހިންމު މަގުސަދުތަކެއް ހާސިލުކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. މިއީ މިއަހަރު ބައިނަލްއަގުވާމީ މާކެޓުތަކަށް އަމާޒުކޮށްގެން އެންއެޗްޖީއޭއެމް އިން ތާވަލުކޮށްފައިވާ ހަރަކާތްތަކުގެ ތެރެއިން މޮސްކޯ، ސެއިންޓް ޕީޓާސްބާގް އަދި އަލްމަޓީގައި ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި މާކެޓް ފުޅާކުރަން ކަނޑައަޅާފައިވާ މުހިންމު މަންޒިލްތަކެއް ކަމަށް ވީއެމްސީން ބުންޏެވެ.
މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ސީއައިއެސް ސަރަހައްދުގެ ޓްރެވަލް ޓްރޭޑް ފަރާތްތަކާއި ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ދެމެހެއްޓުމެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ކޮމެންޓް