ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒުގެ މަގާމުގެ ދަރަޖަ، ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަތިކުރައްވައިފިއެވެ.

ފަޔާޒުގެ މަގާމުގެ ފެންވަރު ސީނިއާ މިނިސްޓަރަކަށް ބަދަލުކުރައްވާފައި ވަނީ މި ހަފުތާގެ ތެރޭގައެވެ.

މި ސަރުކާރު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވުމަށްފަހު، ސީނިއާ މިނިސްޓަރުގެ ފެންވަރު އެންމެ ފުރަތަމަ އެރުވީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށެވެ. އެއީ ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގައެވެ.

ނަމަވެސް، މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވައި އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ސަރުކާރުގެ އެ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން، މިހާތަނަށް ސީނިއާ މިނިސްޓަރުގެ ފެންވަރުގައި އެއްވެސް ބޭފުޅަކު ހުންނަވާފައެއް ނުވެއެވެ.

ސަރުކާރުގެ އިސް މަގާމުތަކެއް ކުރިންވެސް އަދާކުރައްވާފައިވާ ފަޔާޒު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

މީގެއިތުރުން ފަޔާޒަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވުމަށްފަހު 2020 ވަނަ އަހަރު އިސްތިއުފާ ދެއްވި ބޭފުޅެކެވެ. އަދި މިހާރުގެ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.