ފޯނު ކޯލުތަކާއި އިންޓަވިއުތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރާ އިރު އެއީ ވަގުތުން ގެނެސްދެވޭ ޕްރޮގްރާމެއްކަން ކޯލަށް ޖަވާބު ދޭ ފަރާތަށް ސާފުކޮށް އަންގަން ޖެހޭނެ ކަމަށް މީޑިއާ ކޮމިޝަނުން މިއަދު ބުނެފައިވެއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މީޑިއާ އިދާރާތަކާއި ނޫސްވެރިން އަދި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ޕްރޯޑްކާސްޓް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ރިއާޔަތްކުރުމަށް އެދިފައެވެ.
އެގޮތުން ވަގުތުން ގެނެސްދޭ ޕްރޮގްރާމެއްގައި ފޯނު ކޯލަކަށް ޖަވާބު ދޭ މީހަކީ އެ މުއާމަލާތް އާންމުންނަށް ބްރޯޑްކާސްޓް ކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
މިފަދަ ފިޔަވަޅުތަކަކަށް ބާރުއަޅާފައި ވަނީ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ސްޓެލްކޯގެ ހިއުމަން ރިސޯސަސް ޑިޕާޓުމެންޓުގެ ލޭންޑްލައިނަކަށް ގުޅައި ދެއްކި ވާހަކަތަކެއް ވަގުތުން ގެނެސްދިނުމާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކު ސަސްޕެންޑުކުރުމާ ގުޅިގެންނެވެ.
އެ ޕްރޮގްރާމުގައި ސްޓޭޝަންގެ ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން ޑިޕާޓްމަންޓްގެ ހެޑް އާމިރު ސަލީމް ވަނީ ސްޓެލްކޯގެ އެޗުއާރު ނަންބަރަކަށް ގުޅައި ސުވާލުތަކެއް ކޮށްފައެވެ. އަދި އެ ކޯލުގައި ދެކެވުނު ވާހަކަތަކުގެ ސަބަބުން އެ ކޯލަށް ޖަވާބުދިން މުވައްޒަފަށް ވަނީ ފިޔަވަޅު އަޅައިފައެވެ.
މީޑިއާ ކޮމިޝަނުން ބުނީ، އާންމު މަސްލަހަތުގައި މައުލޫމާތު ހޯދުމާއި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި އަދި ޒާތީ މައުލޫމާތާއި މަސްދަރުތައް ރައްކާތެރިކޮށް ސިއްރު ދެމެހެއްޓުމަކީ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ އެންމެން ދަމަހައްޓަންޖެހޭ މިންގަނޑުތަކެއް ކަމަށެވެ.
މީގެ އިތުރުން އެ މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތާ މެދު ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މީޑިއާ ކޮމިޝަނުން ވަނީ ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި ކަރާމާތާއި އަދި ހައްގުތައް ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާއަކުންވެސް ޒީމާދާރުކަމާއެކު އަމަލުކޮށް، ގާނޫނީ އަދި ފަންނީ ހަމަތަކުގެ މަތިން އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.
އަލީ ޔާމިން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
ކޮމެންޓް