އިސްރާއީލުން ދިން ހަމަލާއެއްގައި ބިމާހަމަވި އިމާރާތެއްގެ ދަށުން، ގާތްގަނޑަކަށް ތިން އަހަރު ފަހުން މަލްކާ އާއިލާގެ 55 މީހެއްގެ ހަށިގަނޑު ގައްޒާގެ ސިވިލް ޑިފެންސުން ހޯދައިފިއެވެ. މި ހަށިގަނޑުތައް ފެނިފައިވަނީ ގައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޒައިތޫނު އަވަށުގައި ހުރި އެ އާއިލާގެ އިމާރާތެއްގެ ދަށުންނެވެ.

ސިވިލް ޑިފެންސުން ބުނި ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު އިސްރާއީލުން އެ އިމާރާތަށް ހަމަލާދިން އިރު، އެތަނުގައި 60 އެއްހާ މީހުން ރައްކާތެރިކަން ހޯދައިގެން ތިއްބެވެ. މީގެ ތެރޭގައި ގިނައީ އިސްރާއީލުގެ ހަމަލާތަކުން ސަލާމަތްވުމަށް އެހެން ސަރަހައްދުތަކުން އައިސް ތިބި މީހުންނެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 72 ގަޑިއިރު ވަންދެން މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔަ މީހުން ހޯދުމުގެ މަސައްކަތަށް ފަހު، 55 މީހެއްގެ ހަށިގަނޑާއި ހަށިގަނޑުގެ ބައިތައް ވަނީ ނަގާފައެވެ.

މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ސިވިލް ޑިފެންސްގެ އޮފިޝަލް މުހައްމަދު އަބޫ ދާން ބުނި ގޮތުގައި، އިމާރާތުގެ ދަށުގައި ތިބި ގިނަ މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ ހޯދިފައެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ކުރީކޮޅު އެ މީހުންގެ ޖަނާޒާ އެއްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، ބަރު މެޝިނަރީއާއި ބުލްޑޯޒަރު ފަދަ ތަކެތި ނެތުމުގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ސިވިލް ޑިފެންސުން ލަފާކުރާ ގޮތުގައި، އިމާރާތުގެ ދަށުގައި އަދިވެސް އިތުރު މީހުން ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެ މީހުން ހޯދުމުގެ މަސައްކަތް އެ އިދާރާއިން ދަނީ ކުރަމުންނެވެ.