މާލޭގެ ފިހާރައެއްގައި ވަޒީފާ އަދާކުރި ސްރީލަންކާ މީހަކު އެ ފިހާރައިން 25،000 ރުފިޔާ އާއި މޯބައިލް ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 41 އަހަރުގެ ޗަންދްރެސްކަރަން އެންތޮނީ ނަމަކަށް ކިޔާ ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ފައިސާ ވަގަށް ނެގުމަށްފަހު ގައުމަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
އެ އަމުރުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ފުލުހުން ވަނީ އެކަށީގެންވާ ހެކި ހުށަހަޅައިފައެވެ.
ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި ފިހާރައިގެ ސީސީޓީވީ ކެމެރާ ފުޓޭޖުން ފެންނަ މަންޒަރުގެ ސްނެޕްޝޮޓްތަކާއި ހާދިސާ ރިޕޯޓާއި އޭނާ ފުރުމަށްޓަކައި ނަގާފައިވާ ފްލައިޓް ޓިކެޓް ހިމެނެއެވެ. އަދި ފިހާރައިގެ ސީސީޓީވީ ވީޑިއޯއިން ފެންނަ މީހަކީ އެ ވައްކަން ކުރި މީހާ ކަމަށް އެ ފިހާރައިގެ އެހެން މުވައްޒަފުން ވެސް ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ތުހުމަތު ކުރެވޭ މީހާ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
އޭނާ ބުނެފައިވާ ގޮތުގައި އެ ފިހާރައިގެ ވަޒީފާއިން އޭނާ ވަކިވެފައިވަނީ އެ ހާދިސާ ހިނގުމުގެ ދިހަ ދުވަސް ކުރިންނެވެ. އަދި ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު އޭނާ ހުރީ އެހެން ތަނެއްގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަލީ ޔާމިން
ކްރިމިނަލް ކޯޓް
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ކޮމެންޓް