ގައްޒާއިން ފަލަސްތީނުގެ މީހުން ބޭރުކުރުމަކީ އެކަމަށް އޮތް ހަމައެކަނި ހައްލު ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ބުނެފިއެވެ.

އޭނާ މިހެން ވިދާޅުވީ އިސްރާއީލުގެ ނޫހެއް ކަމަށްވާ “ޔެޑިއޮތު އަހްރޮނޮތު” އަދި “ވައިނެޓް” އަށް ބުދަ ދުވަހު ދެއްވި އިންޓަވިއުއެއްގައެވެ. ކާޓްޒް ވިދާޅުވިގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވާހާ އަވަހަކަށް ގައްޒާއިން ފަލަސްތީނުގެ މީހުން ނެރުމުގެ މަސައްކަތް ފެށުމަށް އިސްރާއީލު އޮތީ ތައްޔާރަށެވެ.

“މި ހިޖުރަކުރުމާ ނުލައި ގައްޒާއަށް އޮތް ހަގީގީ ހައްލެއް ނެތް،” ކާޓްޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ގައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ 80 ޕަސެންޓް މީހުން އެހެން ގައުމުތަކަށް ހިޖުރަކުރަން ބޭނުންވާ ކަމަށާއި، އެކަން ސާވޭތަކުން ކަށަވަރުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ސާވޭތަކެއް ކަމެއް ވިދާޅެއްނުވެއެވެ.

ކޮމަން ޑްރީމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް ހުށަހަޅުއްވާފައިވާ މި ޕްލޭނަކީ ގައްޒާގައި ދިރިއުޅޭ ދެ މިލިއަނެއްހާ މީހުން އެނބުރި ނާދެވޭ ގޮތަށް އެހެން ގައުމުތަކަށް ބަދަލުކުރުމަށް އެކުލަވާލާފައިވާ ޕްލޭނެކެވެ. އަދި އޭގެ ފަހުން ގައްޒާގައި ބާކީ ހުރި އިމާރާތްތައް ތަޅާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ މިއީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށް ސިފަކޮށްފައެވެ.