ހޮސްޕިޓަލުގެ އެނދުގައި އޮތް އޭނާގެ ލޯބިވާ ދަރިފުޅުގެ ފުރާނަ މި ދުނިޔެއާ ވަކިވެގެން ދިޔަ މަންޒަރު ދައްކުވައިދިން މޮނިޓަރުގެ ރޮނގުތައް ސީދާވެގެން ދިޔަ ވަގުތުވެސް، އެ ފަހުރުވެރި ބައްޕަ ހުރީ ދަރިފުޅުގެ ގާތުގައެވެ. ހޮނިހިރު ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޒީވާ ސިނާން އަހްމަދު (ޒީޒީ) ރޭ ފަތިހު ނިޔާވުމާ ގުޅިގެން، އޭނާގެ ބައްޕަ ހުސައިން ސިނާން ވަނީ އަސަރުގަދަ މެސެޖެއް އާންމުކޮށްފައެވެ.

ފޭސްބުކްގައި ސިނާން ހިއްސާކޮށްފައިވާ ލިޔުމުގައި ސިފަކޮށްދީފައިވަނީ ހިތްވަރުގަދަ، ވިސްނުންތޫނު އަދި އޯގާތެރި ކުއްޖެކެވެ. ޒީވާ ކުޑައިރު ބައްޕަ ދެކެ ރުޅިއަންނަ ކަމަށް ބުނި ނަމަވެސް، އެއީ ހުޅުމާލެއަށް ބަދަލުވުމުން ދިމާވި ދުރުކަމުގެ ސަބަބުން އައި ބަދަލެއްކަން ސިނާން ފާހަގަކުރިއެވެ. "ބައްޕާ، އަހަރެން ކުރިން ހީކުރީ ފިރިހެން ކުދިންނަކީ ގޯސް ބައެއް ކަމަށް. ހާއްސަކޮށް ބައްޕަ. މާފުކުރޭ. މިހާރު ބޮޑުވަމުން އަންނައިރު އެހެނެއް ނުވިސްނަން. ބައްޕައަކީ ރަނގަޅު މީހެއް،" މިއީ ފަހުން ޒީވާ އޭނާގެ ބައްޕަ ގާތުގައި ބުނަމުން އައި ވާހަކައެކެވެ.

ޒީވާ އަދި ބައްޕަ ސިނާން -- ފޮޓޯ/ ސިނާން

ޒީވާގެ ކިބައިގައި ހުރި ހުނަރާއި ހިތްވަރަކީ އުފެދުމުގައި ހުރި ކަމެއްތޯ ނުވަތަ ބައްޕަގެ ކިބައިން ވާރުތަވި ކަމެއްތޯ ސިނާން އަބަދުވެސް ސުވާލު އުފައްދައެވެ. އުމުރުން ހަގު ނަމަވެސް، ޒީވާގެ އުޅުން އެހެން ކުދިންނާ ތަފާތެވެ. އޭނާއަކީ ކަންކަން ރާވައިގެން ކުރާ، ތަފްސީލީ ޕްލޭންތައް ގެންގުޅުނު އަދި ކޮންމެ ދުވަހަކު ޖާނަލް ލިޔަމުން އައި ކުއްޖެކެވެ. ނިދުމުގެ ކުރިން ކެރޮލް ޑްވެކްގެ 'މައިންޑްސެޓް' ފޮތް ކިޔައި، އޭގައިވާ ކަންކަމާ ގުޅޭގޮތުން ބައްޕައާ ސުވާލުކޮށް މަޝްވަރާކުރެއެވެ. އޭނާގެ ކިބައިގައި ހުރީ ވަރުގަދަ އަޒުމަކާއި، އޯގާތެރިކަމާއި، ކަންކަން ތަހުލީލުކުރުމުގެ ވިސްނުމެވެ. ގަޑިއަށް ނިދުމާއި، ހެނދުނު ހޭލުމުގެ އިތުރުން، ޓެޑް-އެޑް އަދި ޑޮކިއުމެންޓްރީތަކަށް އޭނާ ހާއްސަ ޝައުގުވެރިކަމެއް ބެހެއްޓި ކަމަށް ސިނާން ފާހަގަކުރިއެވެ.

ބުރަ މަސައްކަތަށްފަހު ޔުނީފޯމުގައި ގެއަށް އައިސް ދަރިފުޅަށް އާ ކަންކަން ދަސްކޮށްދިނުމަކީ ސިނާން އެންމެ ކުރާހިތްވާ ކަންތަކެވެ. ހިސާބު މާއްދާގެ އަކުރުތައް ދަސްކުރުމަށް ގޭމްގެ އުސޫލުތައް ބޭނުންކުރި އިރު، ގުރުއާން ކިޔެވުމުގައި ސަމާލުކަން ދިނުމަށް ޕޮމޮޑޯރޯ ޓެކްނިކް ބޭނުންކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސޫރަތުލް ފީލް އިން ފެށިގެން ސޫރަތުލް ބަގަރާގެ ފުރަތަމަ 45 އާޔަތާ ހިސާބަށް ޒީވާ ދަސްކުރިއެވެ. ސައިންސް ފެއާތަކުގައި ވަނައަކަށް ވުރެ ބޮޑަށް މަސައްކަތް ފުރިހަމަކުރުމަށް ބައްޕަ ދިން ނަސޭހަތާއެކު، ޒީވާ ވަނީ އެކަން ފުރިހަމަކޮށް ވަނަތައް ހާސިލުކޮށްފައެވެ. ސްޕެލިން ބީ މުބާރާތްތަކަށް މުޅި ފޮތް ހިތުދަސްކުރުމާއި، ވާހަކަދެއްކުމުގެ ހުނަރާއި، ވީޑިއޯގްރަފީގެ އިތުރުން ކުރެހުމުގެ ހުނަރުވެސް އޭނާ ދަސްކުރިއެވެ.

އެކްސިޑެންޓުގައި ނިޔާވި ޒީވާ -- ފޮޓޯ/ ސިނާން

އާންމު އަންހެން ކުއްޖަކާ ހިލާފަށް ޒީވާގެ ކިބައިގައި ހުރީ ހާއްސަ ހިތްވަރެކެވެ. ބައްޕައާއެކު މޫދަށް އެރި އުޅުމުގައި ހަރަކާތްތެރިވުން ފަދަ ކަންކަމަށް އޭނާ ފަރިތައެވެ. ރޯލާ ސްކޭޓް ކުރަން އުޅުމުގެ ތެރޭގައި ވެއްޓޭ ވަގުތުތަކުގައި އަމިއްލައަށް ތެދުވުމަށްފަހު ޒީވާ ބުނަނީ، "ބައްޕާ، އަހަރެން ރަނގަޅު. މުހިންމީ ކިތައް ފަހަރު ވެއްޓޭކަމެއް ނޫން، ކިތައް ފަހަރު ތެދުވާކަން،" ކަމަށެވެ. ޒީވާއަށް ސަޕްރައިޒެއްގެ ގޮތުގައި ސިނާން ގަތް އާ ސްކޭޓް ބޫޓު، އެކްސިޑެންޓުގެ ކުރިން އޭނާއަށް ފެނިފައެއް ނުވެއެވެ.

ހިތްވަރުގަދަކަމުގެ އިތުރުން ޒީވާއަކީ އޯގާތެރި ހިތެއްގެ ވެރިއެކެވެ. އޭނާގެ އާއިލާގެ ކުދިންނާ މެދު ފަހުރުވެރިވާ އިރު، ޗެސް ކުޅުމާއި އުނދަގޫ ބަސްތައް ކިޔުމަށް ޝައުގުވެރިވިއެވެ. އޭނާގެ އުންމީދަކީ މެޑިސިންގެ ދާއިރާއިން ކުރިއަށް ދިއުމެވެ. ޒީވާ ޒިޔާރަތްކުރާ ކޮންމެ ފަހަރަކު އޭނާއަށް އެންމެ މީރު ކުކުޅު ރިހަ ކައްކައިދިނުމާއި، ސެލެކްޓް ރެސްޓޯރެންޓުން ކެއުމަކީ ސިނާންގެ އެންމެ އުފާވެރި ހަނދާންތަކެވެ. އެ ދެބަފައިން ދިޔައީ ލާމު އަތޮޅަށް ތައުލީމީ ދަތުރެއް ކުރުމަށްވެސް ރާވަމުންނެވެ.

ސިނާންގެ މެސެޖު ނިންމާލަމުން ބުނެފައިވަނީ، ޒީވާ އޭނާއަށް ހަޔާތުގެ އެންމެ އުފާވެރި އަހަރުތައް ހަދިޔާކޮށްދިން ކަމަށެވެ. އެއީ އުންމީދާއި ހުނަރުން ފުރިގެންވާ، އޭނާގެ އަމިއްލަ ސިފަތައް ހުރި އޯގާތެރި ކުއްޖެއް ކަމަށް ސިނާން ސިފަކުރިއެވެ. ހިތްހަލާކުވާ ފަދަ މި ހިތާމައިގެ ވަގުތުގައިވެސް، ހޮސްޕިޓަލުގެ މޮނިޓަރުން ފެންނަމުންދިޔަ ރޮނގުތައް ސީދާވެ، ޒީވާ މި ދުނިޔެއާ ވަކިވެގެން ދިޔަ ވަގުތު ބައްޕަ ހުރީ ފަހުރުވެރިކަމާއެކުގައެވެ. "އެއީ އަހަރެންގެ ދަރިފުޅު، ޒީވާ ސިނާން އަހްމަދު،" އެންމެންނަށް ހިނިތުންވުމަކާއެކު ސިނާންގެ މޫނުމަތިން ދައްކައިދިނީ މި ޝުއޫރެވެ. އޭނާ ދަސްކޮށްދިން ކަންކަމަށްވުރެ ގިނަ ކަންކަން ޒީވާގެ ފަރާތުން ދަސްވި ކަމަށާއި، ޒީވާއާއެކު ހޭދަކުރެވުނު ކޮންމެ ވަގުތަކާ މެދު ފުރިހަމައަށް ހިތްހަމަޖެހޭ ކަމަށް ސިނާން ބުނެފައިވެއެވެ.