ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލްއަގްސާއަށް، އިސްރާއީލުގެ ފުލުހުންގެ ހިމާޔަތުގައި އެ ގައުމުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވީރާއި ޔަހޫދީ ވަޒަންވެރިންތަކެއް އިއްޔެ ވަދެގަނެފިއެވެ.

ފަލަސްތީނުގެ އިސްލާމިކް ވަގުފް ޑިޕާޓްމަންޓާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބެން-ގްވީރު ވަނީ މިސްކިތުގެ ގޯތިތެރޭގެ އިރުމަތީ ފަރާތުގައި ޔަހޫދީންގެ އަޅުކަންތައް ކޮށްފައެވެ. އެ ތަނުގައި ޔަހޫދީންގެ ފައްޅިއެއް ބިނާކުރުމަށް އޭނާ ގޮވާލާފައިވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މީސްމީޑިއާގައި އާންމުވެފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، ހަތިޔާރު އެޅި ފުލުހުންގެ ބޮޑު ފައުޖަކާއެކު ބެން-ގްވީރު މިސްކިތުގެ ގޯތިތެރޭގައި ހަރަކާތްތެރިވެއެވެ.

މިކަމާ ގުޅިގެން ގުދުސްގެ ގަވަރުނަރޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ނުރައްކާތެރި އަމަލެއް ކަމަށާއި، މިއީ އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުގައްދަސް ބިމުގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތާ ކަނޑައެޅިގެން ހިލާފުވުން ކަމަށެވެ. މީގެ އިތުރުން، ހަމާސް ޖަމާއަތުންނާއި އުރުދުން އަދި ގަތަރުގެ ހާރިޖީ ވުޒާރާއިން ވެސް ވަނީ މި އަމަލު ކުށްވެރިކޮށްފައެވެ. ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިއީ މިސްކިތުގެ ހުރުމަތް ކަނޑާލުމަށް ދިން ފާޅުކަން ބޮޑު ހަމަލާއެކެވެ.

އަގްސާ މިސްކިތުގައި އޮންނަ ތާރީހީ އުސޫލުތަކުގެ ދަށުން، ގައިރު މުސްލިމުންނަށް އެ ތަނަށް ޒިޔާރަތްކުރުމުގެ ހުއްދަ އޮތް ނަމަވެސް، އެ ތަނުގައި އަޅުކަންކުރުމަކީ މަނާ ކަމެކެވެ. އިސްރާއީލުގެ ކަނާތުފިޔައިގެ ހަރުކަށި ޕާޓީއެއް ކަމަށްވާ 'ޖުވިޝް ޕަވާ' ގެ ލީޑަރު ބެން-ގްވީރު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު ފުލުހުންގެ ހިމާޔަތުގައި އަގްސާ މިސްކިތަށް ވަދެގަނެފައެވެ.