އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަތުވެއްޖެ ނަމަ، ލުބުނާނާއި ގައްޒާ އަދި ސީރިއާއިން އިސްރާއީލު ސިފައިން ބާލައި، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

އިސްރާއީލުގައި ބާއްވަން ހަމަޖެހިފައިވާ އިންތިހާބާ ދިމާކޮށް، "ޗެނަލް 14" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވަނީ އޭނާއާ އެންމެ ބޮޑަށް ވާދަކުރައްވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އައިޒެންކޮޓް ހިމެނޭ ކޯލިޝަނަކުން ވެރިކަމާ ހަވާލުވެއްޖެ ނަމަ، އެ ފަރާތްތަކުން ވަގުތުން ލުބުނާނާއި ގައްޒާ އަދި ސީރިއާ ދޫކޮށްލާނެއެވެ. އަދި އެ ކޯލިޝަނަކީ އިސްރާއީލުގެ އަސްކަރީ މަގުސަދުތައް ހާސިލުކުރުމުގެ ގާބިލުކަން ނެތް ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން އެ ކަން ސިއްރުކުރި ނަމަވެސް، އެ މީހުންގެ ވިސްނުމަކީ ބޮޑެތި ބާރުތަކުގެ ތާއީދާއެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމެވެ. އަދި އެއީ އިސްރާއީލުގެ ނިމުމުގެ ފެށުން ކަމަށް އޭނާ ސިފަކުރެއްވިއެވެ. ނަތަންޔާހޫ ތުހުމަތުކުރެއްވި ގޮތުގައި، އައިޒެންކޮޓްގެ ސަރުކާރެއް ބަރޯސާވާނީ ޔައިރް ގޯލާން އާއި އަވިގްޑޯ ލީބަމަން އަދި މަންސޫރު އައްބާސް ފަދަ ސިޔާސީ ބައިވެރިންނަށެވެ.

ނަމަވެސް، ނަތަންޔާހޫގެ މި ތުހުމަތުތަކާ ހިލާފަށް، އައިޒެންކޮޓް ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާ ދެކޮޅުކަން ތަކުރާރުކޮށް ހާމަކުރައްވާފައެވެ. އިސްރާއީލުގެ ނޫހަކަށް ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި އައިޒެންކޮޓް ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއަށް ފަހު، ދެ ދައުލަތުގެ ހައްލަކަށް ވިސްނާ ކޮންމެ މީހަކީ "މޮޔައެކެވެ".

އައިޒެންކޮޓަކީ އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުގައި ކުރިން ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ އެއްވެސް ހުށަހެޅުމަކަށް ތާއީދުނުކުރައްވާނެ ކަމަށް ކެމްޕޭނުގެ ތެރޭގައި ވެސް ވިދާޅުވެފައެވެ.