ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމާއި، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ ތެރެއިން، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަން މިއަދު ވަނީ އިފްތިތާހުކޮށްފިއެވެ.

މިއަދު ތައާރަފުކުރި މި އެޕްލިކޭޝަނަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ބޭނުންކުރަން ފަސޭހަ ޑިޖިޓަލް ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މި އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކު ވެސް އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތަކަށް އެދެވޭނެއެވެ. އޭގެ ތެރޭގައި، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ވަގުތުން ބަލައިލުމާއި، ނަގާފައިވާ ފައިނޭންސިން ފެސިލިޓީތައް މެނޭޖުކުރުން ހިމެނެއެވެ. މީގެ އިތުރުން، ފަސޭހަކަމާއެކު ފެސިލިޓީތަކަށް ފައިސާ ދެއްކުމާއި، މުހިންމު އަޕްޑޭޓްތަކުގެ ނޮޓިފިކޭޝަން ވަގުތުން ލިބުމުގެ އިތުރުން އެސްއެމްއީ ޑިޖިޓަލްއާ ސީދާ މުއާމަލާތްކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.

30 އޮގަސްޓް 2026، މާލެ، އެސްއެމްއީ ޑިޖިޓަލް މޯބައިލް އެޕް ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން --- ވަން ފޮޓޯ: ފާތިމަތު ލިޔުޝާ

މި އެޕް އިފްތިތާހުކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ވިޔަފާރިވެރިންނަށް ހިދުމަތްތައް ހޯދުމާއި މެނޭޖުކުރުން ފަސޭހަކޮށްދޭނެ ޑިޖިޓަލް ހައްލުތައް ހޯދައިދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މޮބައިލް އެޕް ތައާރަފުކުރުމުން ރަމްޒުކޮށްދެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އަވަސް އަދި ފަސޭހަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް އަޅުގަނޑުމެން ކުރާ ދަތުރުގައި ލިބުނު އިތުރު މުހިންމު ކުރިއެރުމެއް. ކުރިއަށް އޮތްތަނުގައި އާ ފީޗާތައް މޯބައިލް އެޕަށް އިތުރު ކުރެވޭނެ،" ބަދުރުއްދީން ވިދާޅުވިއެވެ.

ކުރިއަށްއޮތް ތާނގައި މި އެޕަށް އިތުރު އާ ފީޗާތަކާއި ހިދުމަތްތައް ތައާރަފުކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ވިއްކޭނެ ފަދަ ހާއްސަ މާކެޓްޕްލޭސެއް ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ. މި އެޕްލިކޭޝަނަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ވިޔަފާރިތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދީ، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެސްއެމްއީ ޑިޖިޓަލުން ގެންގުޅޭ ފުޅާ ތަސައްވަރުގެ މުހިންމު ބައެކެވެ.

އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕް ދާދި އަވަހަށް އެޕް ސްޓޯ އަދި ގޫގުލް ޕްލޭއިން ޑައުންލޯޑް ކުރެވޭނެއެވެ. ނަމަވެސް އެޕް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ކަސްޓަމަރުންގެ އެކައުންޓަށް މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެކަން އަންގާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.