ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އަލީ ހާލިދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. ނަމަވެސް ފޮރިން މިނިސްޓަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެން އެމަގާމު އޮތީ ހުސްކޮށެވެ.
އެ މަގާމަށް ޖަމީލާ އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.
ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމުން މަޖިލީހުން ޖަމީލާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
ޖަމީލާ އަކީ ހާރިޖީ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އެގޮތުން، މީގެ ކުރިން އޭނާ ވަނީ ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުވެސް އަދާކުރައްވާފައެވެ. އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ނާއިބުރައީސްކަންވެސް ކުރައްވާފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް