އެކްޓަރު ޔަޝްގެ ކުރިއަށް އޮތް ފިލްމު 'ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން-އަޕްސް' އާ ގުޅިގެން އިންޑިއާގެ ހައިދަރްއާބާދުގައި ބޭއްވި އިވެންޓެއްގެ ތެރެއިން ސްޕީކަރު ސްޓޭންޑެއް ވެއްޓި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ހައިދަރްއާބާދުގެ މެޑްޗަލް-މަލްކާޖްގިރީ ޑިސްޓްރިކްޓުގައި ހުންނަ މައްލާ ރެޑީ ޔުނިވަސިޓީގައި ބޭއްވި އިވެންޓެއްގައެވެ. ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްޕީކަރު ސްޓޭންޑު ވެއްޓުނީ އިވެންޓު ބަލަން ގޮސް ތިބި މީހުންގެ ތެރެއިން ބަޔަކު އެ ސްޓޭންޑު މައްޗަށް އެރުމުގެ ސަބަބުންނެވެ. ބައެއް މީހުން އޭގެ މަތީގައި ތިބެގެން ސްޓަންޓު ހެދި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާގައި އަނިޔާވި ހަތަރު މީހުންގެ ތެރޭގައި ކިޔަވާ ކުއްޖަކު ހިމެނޭއިރު، އެ ކުއްޖާގެ ފައި ބިނދިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަނެއް ތިން މީހުންނަށް ކުދި އަނިޔާތައް ލިބިފައިވާއިރު، އެންމެންނަށްވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ ޔުނިވަސިޓީގެ މެނޭޖްމަންޓާއި އިވެންޓު އިންތިޒާމުކުރި ފަރާތާ ދެކޮޅަށް މައްސަލައެއް ރަޖިސްޓަރީކޮށްފައެވެ.
ހާދިސާ ހިނގި ވަގުތު ޔަޝް ހުރީ ސްޓޭޖުމަތީގައި ވާހަކަދައްކާށެވެ. ސްޓޭންޑު ވެއްޓުމާއެކު އޭނާ ވަނީ ވާހަކަދެއްކުން މެދުކަނޑާލައި، އަނިޔާވި މީހުންގެ ހާލު ބެލުމަށް އިންތިޒާމުކުރި ފަރާތްތަކަށް އަންގައިފައެވެ. އަދި އެހެން ސްޓޭންޑުތަކަށް އަރައި ތިބި މީހުން ފޭބުމަށްވެސް އޭނާ އެދުނެވެ.
ގީތޫ މޯހަންދާސް ޑައިރެކްޓުކޮށްފައިވާ 'ޓޮކްސިކް' އަކީ 1940 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައި ގޯއާގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ އެކްޝަން-ތްރިލާ ފިލްމެކެވެ. މި ފިލްމުގައި ޔަޝް ކުޅެނީ ރާޔާ ނަމަކަށް ކިޔާ ގޭންގްސްޓަރެއްގެ ރޯލެވެ. އޭނާގެ އިތުރުން ނަޔަންތާރާ، ކިއާރާ އަދުވާނީ އަދި ހުމާ ގުރޭޝީ ފަދަ ތަރިން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 26 ގައެވެ.
ކިއާރާ އަދްވާނީ
ކޮމެންޓް