ފެރާރީން އުފެއްދި ފުރަތަމަ އިލެކްޓްރިކް ކާރު، "ފެރާރީ ލޫޗޭ" ގެ ހާއްސަ މޮޑެލެއް 40 މިލިއަން ޑޮލަރަށް ނީލަމެއްގައި ވިއްކާލައިފިއެވެ.
އެމެރިކާގެ ކެލިފޯނިއާގައި ކުރިއަށްދިޔަ މޮންޓެރޭ ކާރު ވީކްގައި އާރްއެމް ސޮތަބީސް އިން ވިއްކާލި މި ކާރަކީ ލޫޗޭ ޕްރޮގްރާމްގެ ދަށުން އުފެއްދި ފުރަތަމަ ކާރު، "ޗެސިސް 0" އެވެ.
ސީއެންއެން ފަދަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ނީލަމެއްގައި އާ ކާރެއް ވިއްކާލި އެންމެ ބޮޑު އަގު ކަމަށް ބެލެވެއެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 2025 ވަނަ އަހަރު 26 މިލިއަން ޑޮލަރަށް ވިއްކާލި ފެރާރީ ޑޭޓޯނާ އެސްޕީ3 މޮޑެލްގެ ކާރެއްގައެވެ.
ފެރާރީން މި ކާރު ރަސްމީކޮށް ދައްކާލާފައިވަނީ މި އަހަރުގެ މެއި މަހުގައެވެ. އެޕަލްގެ ކުރީގެ ޑިޒައިނަރު ޖޮނީ އައިވްއާ ގުޅިގެން ފަރުމާކޮށްފައިވާ މި ކާރުގައި ހަތަރު އިލެކްޓްރިކް މޯޓަރު ހިމެނޭއިރު، 1،036 ހޯސްޕަވަރު ހުރެއެވެ. އަދި 2.5 ސިކުންތުގެ ތެރޭގައި ގަޑިއަކު 100 ކިލޯމީޓަރުގެ ބާރުމިނަށް ދުއްވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އާންމުކޮށް ވިއްކަން ހަމަޖެހިފައިވާ ލޫޗޭ މޮޑެލްތަކުގެ އަގު ފެށެނީ ގާތްގަނޑަކަށް 640،000 ޑޮލަރުންނެވެ.
ނީލަމުން ލިބުނު 40 މިލިއަން ޑޮލަރު ހަދިޔާކުރަން ހަމަޖެހިފައިވަނީ ތައުލީމީ ޕްރޮގްރާމްތައް ހިންގުމަށް ފެރާރީ ފައުންޑޭޝަނަށެވެ. އާންމު މޮޑެލްތައް މި އަހަރުގެ ފަހުކޮޅު ޑެލިވަރީކުރަން ފަށާނެ ކަމަށް ބެލެވުނު ނަމަވެސް، ނީލަމުން ކާރު ގަތް ފަރާތަށް ކާރު ހަވާލުކުރާނީ 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށް އާރްއެމް ސޮތަބީސް އިން ބުނެފައިވެއެވެ.
އިރާން
ކާރު
އިޒުރެއިލު
ބޭރު ކުޅިވަރު
ކޮމެންޓް