މީގެ އަހަރު ތަކެއް ކުރިއެވެ. ރާއްޖޭގެ ރީތި ދޮންވެލި ގޮނޑުދޮށްތަކަށް ރާޅު ބީއްސާލާ އަޑާއެކު، ފަތިހުގެ ފިނިކަމުގެ ތެރެއިން ފެންނަ އެންމެ ހިތްގައިމު އެއް މަންޒަރަކީ ކަށިމަތީ ފެނަށް މޫދަށް އެރި އުޅޭ މަސްވެރީންނެވެ. އަތުގައި އޮންނަނީ ހިމަ ކަންވާރު ލީ ދޮށްޓަކެވެ، އަތިރީމަތީގައި މޮއްވަޅު ޖަހައިގެން ނަގާ ކަކުނިން ފިލިތަޅައިގެން، އެ ފިލިގުޅަ ހިފައިގެން، އެ މީހުން ނުކުންނަނީ ފަޅުތެރޭގެ ދޮންފަސްގަނޑުމަތީގައި އުޅޭ ހާއްސަ މަހެއް ހޯދުމަށެވެ. މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރު "ކަޅުއޮށް" ބޭނުމުގެ ސަގާފީ މަސްވެރިކަން ފެށިގެން އަންނަ ގޮތެވެ.
ގޮނޑުދޮށުންނާއި ތިލަ ފަޅުތަކުން ކުރާ މި މަސްވެރިކަމަކީ ހަމައެކަނި ވަގުތު ހޭދަކޮށްލުމަށް ކުރާ ކަމެއް ނޫނެވެ. މިއީ ކަނޑުފަޅުގެ ދިރުންތައް ދެނެގަތުމުގެ މައްޗަށް ބިނާވެފައިވާ، ފުން ހުނަރުތަކެއް ބޭނުންވާ ކަމެކެވެ. ކަޅުއޮށް ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފޯރީގައި ކުރަމުން އައި ކަމަކަށް ވީ ނަމަވެސް، މިއަދު މި މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ. އެހެންކަމުން، މި ޒަމާންވީ ހުނަރުގެ އަޑީގައި ފޮރުވިފައިވާ ސިއްރުތަކަކީ ކޮބައިކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ.
ކަޅުއޮށަކީ އިނގިރޭސި ބަހުން "ގޯޓްފިޝް" ގެ ނަމުން ނަންދެވިފައިވާ ފަރުމަހުގެ ބާވަތެކެވެ. ރާއްޖޭގެ ފަޅުތަކާއި ފުންވިލުތަކުގައި އުޅޭ މި މަހުގެ އެންމެ ހާއްސަ ސިފަޔަކީ އޭގެ ތުނބުގައި ހުންނަ ދެ ނަރުވާއެވެ. މި ނަރުވާތަކަކީ ވެލިގަނޑުގެ އަޑީގައި ފޮރުވިގެން ތިބޭ ކުދި ފަނިފަކުސާއާއި ކަކުނި ފަދަ ތަކެތި ހޯދުމަށް، ރަހަ ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ހާއްސަ ގުނަވަނެކެވެ.
ދިވެހިރާއްޖޭގެ ކަނޑުފަޅުތަކާ ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ތަފާތު ބާވަތްތަކުގެ ކަޅުއޮށް އުޅެއެވެ. އޭގެ ތެރޭގައި ކަނޑު ކަޅުއޮށް، ލައް ކަޅުއޮށް، މާ ކަޅުއޮށް، އުދަލި ކަޅުއޮށް އަދި ރީނދޫތިރި ކަޅުއޮށް ހިމެނެއެވެ. މިއިން ކޮންމެ ބާވަތަކީ ވެސް އޭގެ ޒާތުގައި ތަފާތު ރީތި ކުލަތަކަކާއި ސިފަތަކެއް ލިބިފައިވާ މަސްމަހެވެ. މިސާލަކަށް، ލައް ކަޅުއޮށަކީ ގާތްގަނޑަކަށް 30 ސެންޓިމީޓަރަށް ބޮޑުވާ، އޮރެންޖާއި ރީނދޫ ކުލަ އެކުލެވޭ މަހެކެވެ. އޭގެ ބުރިކަށިމަތީގައި ކަޅުކުލައިގެ ބޮޑު ލަފެއް ހުންނާތީ އެ ނަން ދެވިފައިވެއެވެ. މާ ކަޅުއޮށަކީ 50 ސެންޓިމީޓަރަށް ބޮޑުވާ، ތަންކޮޅެއް ފުން ހިސާބުތަކުގައި ވެސް އުޅޭ ބާވަތެކެވެ. މި މަސްތައް އާންމުކޮށް އުޅެނީ ތިލަ ފަޅުތަކުގައި ހުންނަ ދޮންފަސްގަނޑު މަތީގައާއި، މޫދު ހުއި ފަޅާފައި ހުންނަ ސަރަހައްދުތަކުގައެވެ.
މި މަސް ބޭނުމަށްޓަކައި ދިވެހި މަސްވެރިން ބޭނުންކުރަނީ ވަރަށް އާދަޔާހިލާފު އުކުޅުތަކެކެވެ. ކަޅުއޮށް އާންމުކޮށް އުޅެނީ ތިލަ ފަޅުތަކުގައި ހުންނަ ދޮންފަސްގަނޑު މަތީގައި ކަމަށް ވުމުން، ގޮނޑުދޮށުގައި ތިބެގެން ނުވަތަ މޫދަށް އެރި ތިބެގެން ދޮށިން މި މަސް ބާނައެވެ. އެންމެ އާންމު އެއް ގޮތަކީ ކަކުނިން ފިލިތަޅައިގެން ބުޅީގައި ފިލިއަޅައިގެން ކުރާ މަސްވެރިކަމެވެ. މިކަމަށް ބޭނުންކުރާ މައިގަނޑު އެމަކީ ކަކުންޏެވެ.
ތަޖުރިބާކާރު މަސްވެރިން ބުނާ ގޮތުގައި، ކަޅުއޮށް އުޅޭ ސަރަހައްދަށް ކަކުނި މަސް މުގުރާފައި އުކުމުން، އެސޮރުމެންގެ ނަރުވާތަކަށް އެ ރަހަ ފޯރައި ވަރަށް އަވަހަށް އެތަނަކަށް ޖަމާވެއެވެ. ކަޅުއޮށަކީ ފަތިހު އަދި ހަވީރަށް ބޭނޭ މަހެކެވެ. އެންމެ ދަހީ ފަތިހަށް ދުނިޔެ ދޮންވެގެން އަންނަ ވަގުތުގައެވެ.
މި މަސްވެރިކަމަށް ބޭނުންވާ އެންމެ މުހިންމު ހުނަރަކީ ކަޅުއޮށް އުޅޭ ސަރަހައްދުތައް ދެނެގަތުމާއި، އެސޮރުމެން ކާނާ ހޯދަން އުޅޭ ވަގުތުތަކުގައި ހިމޭންކަމާއެކު ހަރަކާތްތެރިވުމެވެ. ކަޅުއޮށަކީ އޭގެ ވަށައިގެންވާ މާހައުލަށް ވަރަށް ހޭލުންތެރި މަހަކަށް ވުމުން، ކިތަންމެ ކުޑަ އަޑެއް އިވުނަސް ފިލަން ދުއްވައިގަނެއެވެ. އެހެންކަމުން، ގޮނޑުދޮށުގައި ހުންނަ މީހާ ޖެހެނީ ވަރަށް ކެތްތެރިކަމާއެކު، މަހަށް ނޭނގޭނެހެން އެންކޮޅު ފެނަށް ދޫކޮށްލައިގެން ހުންނާށެވެ. މިކަމަކީ ލޮލުގެ ފެނުން ތޫނުވުމާއި، އަތުގެ ހަރަކާތްތައް އަވަސްވުން ބޭނުންވާ ކަމެކެވެ. ނަނަށް ވާންކޮށްލައިގެން މަސް އައިސް އެންކޮޅު ކާލަންދެން ކެތްތެރިކަމާއެކު މަޑުކުރާން ޖެހެއެވެ. ކަޅުއޮށަކީ ވަރަށް މަޑުމަޑުން، ފަރުވާތެރިކަމާއެކު އެންކޮޅުގައި ހިފާ މަހަކަށް ވާތީ، އެންކޮޅު ކާލައިފިކަން އިހުސާސްވުމާއެކު ރަނގަޅު ވަގުތުގައި ލަކި ޖަހައި ދަމައިގަތުމަކީ ކެޔޮޅުގެ ހުނަރުވެރިކަން ދައްކުވައިދޭ ކަމެކެވެ. ކަޅުއޮށް ބުޅީގައި އެޅުވުމަށް ޖަހާ ލަތްކަކީވެސް މާ މަޑު ނޫން އަދި މާ ބާރު ނޫން ލަތްކަކަށް ވާން ޖެހެއެވެ. ކަޅުއޮށަކީ ވަރަށް ތުން ބަލި މަހަކަށް ވާތީ، މާ ބާރަށް ލަކި ޖަހައިިފި ނަމަ ބުޅި އަންނާނީ އެސޮރުގެ ތުން އިރައިލައިފައެވެ. މި ހުރިހާ ކަމެއް އެނގި، އެއަށް ފަރިތަ ނޫން މީހަކަށް ކަޅުއޮށް ބޭނުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
ކަޅޮއޮށް ބާނަން އިހުގެ ދިވެހީން ބޭނުންކުރީ ދިވެހި ދޮށްޓެވެ. އެންމެ އާންމީ ތެދުކޮށް ހުންނަ ތަތް ދިއްގާ ދަނޑި މިލުވައިގެން ހަދާފައި ހުންނަ ދޮށްޓާއި ދޮށްޓެއްގެ އިސްކޮޅު ލިބޭވަރުގެ ޖޭމު ދަނޑިން ހަދާފައި ހުންނަ ޖޭމު ދޮށްޓެވެ. ބައެއް ފަހަރު، ތަތްކަން ލިބޭ ފަނުގެ ހިމަކޮޅުގެ އޮށީންވެސް ދޮށި ހަދައެވެ. ދޮށީގައި އާންމުކޮށް ލަނީ 15 ނަންބަރުގެ ކަންވާރެވެ. 14 ނުވަތަ 15 ނަންބަރުގެ ކަނިލީ ބުޅިއެވެ. ކަޅުއޮށްގަނޑުގެ ސައިޒަށް ބަލައި ބުޅީގެ ސައިޒަށް ކުޑަ ބަދަލެއް އަތުވެދާނެއެވެ.
ކަޅުއޮށް ބާނައިގެން ގެޔަށް ގެންދިއުމުގެ ސަގާފަތްވެސް ތަފާތެވެ. މި މަސް އަމުނާނީ ފަންވަތުން ތައްޔާރުކުރާ ފައްޗަށެވެ. މި ފަތި ތައްޔާރުކުރުމަށް ޓަކައި ރަނގަޅު ފެންވަރުގެ ފަންވަތެއް ހޯދައި ހިމަކޮޅުގެ ފުލުގައި ގޮށެއް ޖަހައި ދެ ފަރާތުން ފަންގަނޑު ދަމައިގަންނަނީއެވެ. އެޔަށް ފަހު ފަތީގެ ފަލަކޮޅުން ކަޅުއޮށް އަމުނަނީއެވެ. މިކަން ކުރަނީ އެސޮރުގެ ދޮޅި ދަށުން ފަތީގެ ކޮޅު ކޮށްޕާލައި އަނގައިގެން ތެރެއިން ނެރިގެންނެވެ. މިގޮތަށް ފަހަރަކު ކަޅުއޮށެއް އަމުނަމުން ދާނީ އެވެ. ހެޔެވަރު ފައްޗަކަށް ވިއްސަކަށް ކަޅުއޮށް އެމުނޭނެއެވެ.
ދިވެހިންގެ ކެއިންބުއިމުގެ ސަގާފަތުގައި ކަޅުއޮށަކީ ވަރަށް މަތީ ދަރަޖައެއް ދެވިފައިވާ، އާދަޔާހިލާފަށް މީރު މަހެކެވެ. ތެލުލައިގެންނާއި، ގަރުދިޔަ ކައްކައިގެން އަދި ރިހަ ކައްކައިގެން ވެސް މި މަސް ކައި އުޅެއެވެ. ހާއްސަކޮށް ތާޒާކަމާއެކު ތެލުލާފައި ހުންނަ ކަޅުއޮށަކީ ދިވެހި ރަހަތަކަށް ލޯބިކުރާ މީހުންގެ މެދުގައި މަގުބޫލު ކެއުމެކެވެ. ކަޅުއޮށުގެ މަސްގަނޑު މަޑުވެފައި، އޭގައި ހުންނަ ތަފާތު މީރު ރަހައިގެ ސަބަބުން، މިއީ އާއިލީ ކެއުންތަކުގައާއި ހާއްސަ މުނާސަބަތުތަކުގައި ވެސް ބޭނުންކުރާ ބާވަތެކެވެ.
ކެއުމުގެ އިތުރުން ކަޅޮއޮށަކީ ފަރުމަހުގެ މަސްވެރިކަމަށް މޮޅު އެމެކެވެ. ވަސް ގަދަ އެމެކެވެ. ފަރުމަހުގެ މަސްވެރިކަމުގެ ތެރެއިން ރަތްމަސް ބާނަން ކަޅުއޮށް މޮޅުކަމަށް އިހުގެ ކެޔޮޅުން ބުނެއެވެ. ކަޅުއޮށު ބޯ ރަތްމަހަށް މުޖައްރިބު އެމެއްގެ ގޮތުގައި މަޝްހޫރެވެ.
ސިއްހީ ގޮތުން ބަލާއިރުވެސް ކަޅުއޮށަކީ ގިނަގުނަ ފައިދާތަކެއް އެކުލެވޭ މަހެކެވެ. ފަރުމަހުގެ އެހެން ބާވަތްތަކެކޭ އެއްފަދައިން، ކަޅުއޮށަކީ ޕްރޮޓީނުން މުއްސަނދިވެފައިވާ، ހަށިގަނޑަށް ފައިދާހުރި އޮމެގާ-3 ފެޓީ އެސިޑް އެކުލެވޭ މަހެކެވެ. މި މާއްދާތަކުގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދީ، ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި މިނަރަލްތައް، ހާއްސަކޮށް ކެލްސިއަމް އާއި ފޮސްފަރަސް ފަދަ މާއްދާތައް މި މަހުން ލިބެއެވެ. މިއީ ކަށިތައް ވަރުގަދަކޮށްދީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް މުހިންމު ދައުރެއް އަދާކުރާ މާއްދާތަކެކެވެ.
މިހާ މީރު އަދި ފައިދާހުރި މަހަކަށް ވީނަމަވެސް، ކަޅުއޮށް ކެއުމުގައި ސަމާލުވާން ޖެހޭ މުހިންމު ކަމެއް އޮވެއެވެ. އިހުގެ މީހުން އަބަދުވެސް ބުނެއުޅޭ ގޮތުގައި ކަޅުއޮށުގެ ކަށި ކަރުގައި ޖެހިއްޖެނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިއީ ހަމައެކަނި ބިރުގަންނަވާލުމަށް ދައްކާ ވާހަކައެއް ނޫނެވެ. މިއީ ސައިންސާއި ހަގީގަތާވެސް ގުޅިފައިވާ ތެދު ވާހަކައެކެވެ. ކަޅުއޮށުގެ ބުރިކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށި ހުރެއެވެ. އަދި މަހުގެ އެތެރޭގައި ހުންނަ ކަށިތަކަކީވެސް ހަރު، ތޫނު ކަށިތަކެކެވެ. މި ކަށިތައް ކަރުގައި ތާށިވެއްޖެނަމަ، ފަސޭހައިން ނުނެއްޓޭނެހެން ކަރުގެ އެތެރޭގެ މަސްގަނޑަށް ވަދެ، އިންފެކްޝަން އުފެދުމުގެ ފުރުސަތު ބޮޑުވެއެވެ. ބައެއް ހާލަތްތަކުގައި މިފަދަ ކަށިތައް ނެގުމަށް ސިއްހީ ފަރުވާ ހޯދަން ޖެހޭ ހިސާބަށްވެސް ކަންތައް ގޮސްފައި އެބަހުއްޓެވެ. އެހެންކަމުން، ކުޑަކުދީންނަށް ކަޅުއޮށް ކާންދޭއިރުގައާއި، ބޮޑެތި މީހުންވެސް މި މަސް ކާއިރު ކަށިތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވުމަކީ މުހިންމު ކަމެކެވެ. މަސް ކެއުމުގެ ކުރިން ރަނގަޅަށް ކަށިތައް ވަކިކުރުމަކީ މި ނުރައްކަލުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
ޒަމާން ބަދަލުވެ، މަސްވެރިކަން ކުރާ ގޮތްތަކަށް ޒަމާނީ ކުރިއެރުންތައް އައިސްފައިވީ ނަމަވެސް، ގޮނޑުދޮށުން ކަޅުއޮށް ބޭނުމަކީ މިއަދުވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި ދިރިހުރި އާދައެކެވެ. މިއީ ހަމައެކަނި ކެއުމަށް ބޭނުންވާ މަސް ހޯދުމަށް ކުރާ ކަމެއް ނޫނެވެ. އެއީ ކަނޑާއި ފަޅުގެ ދިރުންތަކާ އޮންނަ ގުޅުން ބަދަހިކޮށްދީ، ކެތްތެރިކަން ދަސްކޮށްދޭ މުހިންމު ހަރަކާތެކެވެ. ކަޅުއޮށުގެ މީރު ރަހަޔާއި، އޭގައި އެކުލެވޭ ސިއްހީ ފައިދާތަކުގެ ސަބަބުން، މިއީ ދިވެހިންގެ ސުފުރާމަތިން އަބަދުވެސް ހާއްސަ ޖާގައެއް ލިބިފައިވާ ބާވަތެކެވެ. ކަށިތަކަށް ސަމާލުވެ، ރަނގަޅަށް ތައްޔާރުކޮށްގެން ކެއުމުން، ކަޅުއޮށަކީ ރާއްޖޭގެ ފަޅުތަކުން ލިބޭނެ އެންމެ އަގުހުރި އެއް ހަދިޔާއެވެ. މިއަދުވެސް ރަށްރަށުގެ ފަޅުތެރެއިން ބާނާ ތާޒާ ކަޅުއޮށް، ގަރުދިޔަ ކައްކައިގެން ނުވަތަ ތެލުލައިގެން ކެއުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރެއެވެ.
މިއަދު ރާއްޖޭގެ ގިނަ ރަށްރަށުގައި މި ސަގާފީ މަސްވެރިކަން ކުރާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަސޭހައިން މަސް ލިބެން ހުރުމާއި، ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަޅުއޮށް އުޅޭ މާހައުލުތަކަށް ވަނީ އަސަރުކޮށްފައެވެ. ތިމާވެށީގެ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ފަޅުތެރެ ހިއްކުމާއި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ކަޅުއޮށް ފަދަ ތިލަ ހިސާބުތަކުގައި އުޅޭ މަސްމަހާމެއްސަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ.
ގޮނޑުދޮށުން ކަޅުއޮށް ބޭނުމަކީ ހަމައެކަނި ކާނާ ހޯދުމަށް ކުރާ ކަމަކަށް ވުރެ ބޮޑަށް، ދިވެހިންނާއި ރާއްޖޭގެ ގުދުރަތީ ވެއްޓާ ދެމެދު އޮންނަ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މި ހުނަރުތަކަކީ، ތިމާވެއްޓަށް ގެއްލުން ނުދީ، ބޭނުންވާ މިންވަރަށް އެކަނި ވަސީލަތްތައް ބޭނުންކުރުމުގެ ރީތި ނަމޫނާއެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ.
މިފަދަ ދަނޑިވަޅެއްގައި، ކަޅުއޮށް ބޭނުން ފަދަ ޒަމާންވީ ހުނަރުތައް ރައްކާތެރިކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ.
ސިނާން އަލީ
މިނިސްޓްރީ އޮފް ޓުއަރިޒަމް
ބޭސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް