ސާކްގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސަކަށް، ރާއްޖޭގެ ފުރަތަމަ ޕެއިން ސްޕެޝަލިސްޓު ޑރ. އަސަދު މުހައްމަދު ޝަހީދު ހޮވިއްޖެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސާކްގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާގެ އެންމެ އިސްދައުރެއް އަދާ ކުރުމަށް ރާއްޖެ ހޮވިފައިވާ ކަމަށެވެ. ކުރިއަށް އޮތް ދެ އަހަރަށް އެ ޖަމިއްޔާގެ ރައީސަކަށް އަސަދު ހޮވިފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ އަސަދު އެ ޖަމިއްޔާގެ ރައީސްކަމަށް ހޮވުމަކީ މަކީ ސަރަހައްދީ އެއްބާރުލުން ހަރުދަނާކޮށް، ހާއްސަ ތަމްރީނާއި އިލްމު ބަދަލުކުރުން ފުޅާކޮށް އަދި ހޭނެއްތުމާއި ކްރިޓިކަލް ކެއާގެ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރަން ލިބުނު މުހިއްމު ފުރުސަތެއް ކަމަށެވެ.

އެ ޖަމިއްޔާއަށް އަސަދު ހޮވާފައިވަނީ، މިދިޔަ ހޮނިހިރުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވީ ކޮންގްރެސްގެ ތެރެއިންނެވެ.

އަސަދު ޕެއިން ސްޕެޝަލިޓީގެ ދާއިރާއިން ފެލޯޝިޕް ހެއްދެވީ ވޯލްޑް ފެޑެރޭޝަން އޮފް ސޮސައިޓީސް އޮފް އެނެސްތީސިއޮލޮޖިސްޓް އަދި އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ދަ ސްޓަޑީ އޮފް ޕެއިން ގުޅިގެން ހުޅުވާލި ސްކޮލަޝިޕެއްގެ ތެރެއިންނެވެ.

އަސަދު އައިޖީއެމްޗާ ގުޅިވަޑައިގަތީ އޮގަސްޓް، 2024 ގައެވެ.